ޚަބަރު

ސްޓެލްކޯގެ "އަވިކަތަ" ޕްރޮގްރާމް އިފްތިތާހްކޮށްފި


ސްޓެލްކޯއިން ކުރިއަށް ގެންދާ ސޯލަރ ޕެނަލް ހަރުކޮށްދިނުމުގެ ޕްރޮގްރާމް "އަވިކަތަ" ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް އިފްތިތާހްކޮށްދެއްވައިފިއެވެ.

ސްޓެލްކޯއިން އަލަށް އެކުލަވާލި "އަވިކަތަ" ޕްރޮގްރާމާއެކު ސޯލަރ ޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށް ދީގެން ފަސޭހަކަމާއެކު އާމްދަނީ ހޯދޭނެ މަގު މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓް ހުންނަން ޖެހޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުންނަށް ޖެހޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މި ޕްރޮގްރާމްގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިވެރިވެވޭނެކަމަށާއި ފޯމް ހުށައަޅާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ބެލުމަށްފަހު ލޮކޭޝަން ދިރާސާކޮށް އެކަމަށް ހުށައަޅާ ފަރާތާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށެވެ. އެއަށްފަހު ސޯލަރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް ގެންދާނެކަމަށާއި ކުލީގެ ފައިސާ ކޮންމެ މަހަކުވެސް ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޖަމާކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ސޯލަރ ޕެނަލް ހަރުކޮށް މަރާމާތުކުރަން ޚަރަދުކުރާކަށް ނުޖެހޭނެއެވެ.

2020 ވަނަ އަަހރުން ސްޓެލްކޯއިން އަންނަނީ އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް އެ މަސައްކަތް އައު ހަރުފަތަކަށް ގެންދޔުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އައު ސޯލަރ ސެންޓަރެއް ހުޅުވާ ރާއްޖޭގެ އެކި ހިސާބުތަކަށް އެ ޚިދުމަތް އަންނަނީ ފުޅާ ކުރަމުންނެވެ.

2030ގެ ނިޔަލަށް ރާއްޖޭގައި ކާބަން ބޭނުން ކުރާ މިންވަރު 4 ބައި ކުޅަ އެއްބައި މަދުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ މާއްދާގެ ނިސްބަތް މަދުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެނެވެ.