ޚަބަރު

ބޯހިމެނުމުގެ މަސައްކަތަށް 7000އަށްވުރެ ގިނަ މީހުންގެ ޝައުގުވެރިކަން


މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތްކުރުމަށް ހުޅުވާލި ފުރުޞަތުގައި 7000 އަށްވުރެ ގިނަމީހުން އެޕްލިކޭޝަން ހުށައަޅައިފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންވަނީ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް ދެ ފަހަރެއްގެ މަތިން އިޢުލާންކޮށްފައެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވިދާޅުވެއެވެ. މި މަސައްކަތަށް އަތޮޅުތަކަށް 1،991 ބޭނުންވެއެވެ. މާލެ ސަރަހައްދަށް ބޭނުންވަނީ 2،409 މީހުންނެވެ. މި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަށެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ މި މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލުމާއެކު ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަމަށެވެ. އެގޮތުން މިކަމަށް އެދުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހު ހަމަވިއިރު މުޅި ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ. އެއިދާރާއިން ވިދާޅުވީ އެޕްލައި ކުރި މީހުން ސްކްރީން ކުރުމުގެ މަރުހަލާ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ބޯހިމެނުމަށް 100 ޓްރެއިނަރުންނަށް ހޯދުމަށް ހުޅުވާލި ފުރުޞަތުގައި 1000 އަށްވުރެ ގިނަ މީހުންވަނީ ކުރިމަތިލާފައެވެ.
އެހެންކަމުން ޖުލައިމަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ބޯހިމެނުމުގެ މަސައްކަތަށް މީހުން ނަގަނީ އެޑިއުކޭޝަނަލް ކުއަލިފިކޭޝަނަށާއި މީގެ ކުރިން ބޯހިމެނުމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިވޭތޯ ބެލުމަށްފަހުއެވެ. އަދި މި މުއްދަތުގައި އުޅެވޭނެ ގިނައިރު މަސައްކަތުގައި އުޅެވޭނެކަމުގެ އަދި ޓެބްލެޓަށް އަހުލުވެރި މީހުން ނެގުމަށް އިސްކަންދޭނެއެވެ.

"މިދޔަ މަހުގެ ފަހުކޮޅު އަތޮޅު ސެންސަސް މެނޭޖަރސް މާލެއަށް ގެނެސްގެން ބޯހިމެނުން ކުރިއަށް ގެންދިޔަ. އެގޮތުން ރާވާފައިވާ ގޮތާއި އަތޮޅުފެންވަރުގައި އެއްކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކޮށްފައިވާނެ. އަތޮޅުތަކުން އެންމެ ބޮޑު ގޮންޖެހުމަކަށް ފާހަގަކުރެވޭނީ ސިނާޢިީ މަސައްކަތަށް ދޫކޮށްފައިވާ ރަށްތަކުގައި އުޅޭ މީހުންގެ އަދަދު ގުނުން."މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވިދާޅުވިއެވެ.

ބޯހިމެނުމުގައި ގޭބިސީތަކުން އަދި އާންމު ފަރުދުންގެ ފަރާތުން ނަގާނެ މައުލޫމާތު:

* ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތު
* ގޭބިސީ ދިރިއުޅޭ ތަނުގެ ބޮޑުމިން
* މީހުންގެ އުފަން ތާރީޚް
* ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމް
* އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
* ފުރަތަމަ ކައިވެނި ކުރި އުމުރު
* ދަރިންގެ އަދަދު / ފުރަތަމަ ދަރިފުޅު ލިބުނު އުމުރު

މަސައްކަތް ހިންގާ ތަންތަނުން ނަގާނެ މައުލޫމާތު:

* ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތު
* ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްސީލް
* ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދު
* ތަނުގެ އާމްދަނީ އާއި ޚަރަދު

ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ. ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.