ތ.ދިޔަމިގިލީގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާއެވެ.
ދިޔަމިގިލީގައި ޢިމާރާތްކުރާ މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެކެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތަކީ އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ފަރުމާކުރެވޭ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97 (އަށްމިލިޔަން އައްލައްކަ އެގާރަ ހާސް ތިރީސް ނުވަ ރުފިޔާ، ނުވަދިހަ ހަތް ލާރި) އަށްކަމަށެވެ.
ތ.ދިޔަމިގިލީ މިސްކިތް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި.
— Ministry of Islamic Affairs (@MVIaffairs) June 19, 2022
ދިޔަމިގިލީ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ. pic.twitter.com/Okt68BRmoL
މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅައި މިމަސައްކަތުގެ ނިންމުމަށް ހަވާލުކޮށްފައިވާ އެންމެ ފަހުގެ ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި އާބާދީ ކުޑަނަމަވެސް އެރަށްރަށުގައިވެސް ޙިދުމަތްތައް ފުޅާކޮށް ވަސީލަތް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.