ކުޅުދުއްފުށީގައި 2012ވަނަ އަހަރު ފެށި ހައުސިން މަޝްރޫޢުގައި ނުނިންމައި ހުއްޓިފައިހުރި، 105 ރޯހައުސްގެ މަސައްކަތް ނިންމައި އޮގަސްޓްމަހު ހަވާލުކުރާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވި ގޮތުގައި މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ގެތަކުގެ ފިނިޝިން މަސައްކަތްތަކެވެ.
ކުޅުދުއްފުށީގައި 165 ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށީ 2012ވަނަ އަހަރުއެވެ. މީގެތެރެއިން މަސައްކަތް ނިންމާ މިހާތަނަށް ހަވާލުކުރެވުނީ 60 ރޯހައުސްއެވެ. ބާކީ ހިމެނޭ 105 ރޯހައުސް މިހާތަނަށްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައެވެ. ވޭތުވެދިޔަ 7 އަހަރެއްހާ ދުވަހު ގެތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް އޮތުމަށްފަހު، މި ގެތަކުގެ މަސައްކަތް އަލުން ފަށްޓަވައިދެއްވީ މި ސަރުކާރުން މިދިޔަ އަހަރުއެވެ.
ގެތަކުގެ މަސައްކަތް ހުއްޓާލިއިރު ހުރީ ގެތަކުގެ މުޅި ސްޓްރަކްޗަރ ނިންމާ، ފުރާޅުތައްވެސް ގިނަ ގެތަކުގައި ނިންމާފައެވެ. ގެތަކުގެ މަސައްކަތް މުޅިން ހުއްޓިފައި ވަނިކޮށް، ގެތަކަށް މީހުން ހޮވީ 2015ވަނަ އަހަރުއެވެ. އެ ރައްޔިތުން މިދިޔަ 7 އަހަރު ދުވަހުވެސް ތިބީ އެމީހުގެ ގެތަކަށް ދިރިއުޅުން ބަދަލުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
މި ސަރުކާރުން އެ ގެތަށް ނިންމުމަށް ބަޔަކާއި ހަވާލުކޮށް އޭގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރ ރިލްވާން މުޙައްމަދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ގެތައް ނިންމުމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށް، މިހާރު ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދާކަމަށެވެ.
ރިލްވާން ވިދާޅުވީ މަސައްކަތް އަލުން ފަށާފައިވަނީ ބޮޑެތި ބަދަލުތަކާއެކުކަމަށެވެ. އެގޮތުން ގެތަކުގެ ފުރާޅުތަކަށް ގެއްލުން ވެފައިވާތީ، އަލުން ފުރާޅުގެ މުޅި ސްޓްރަކްޗަރ ބަދަލުކުރުމާއި، އަދި ގެތަކުގައި ޕަރޓިޝަން ޖަހާގޮތަށް ހުރި ބައިތައް ފާރަށް ބަދަލުކޮށްފައިވާކަމަށެވެ.
ރިލްވާން ވިދާޅުވީ ގެތަކުގެ މަސައްކަތް ކުރިއަށްދާގޮތް ދެއްކުމަށްޓަކާ، ގެތަށް ލިބިނު މީހުންނަށް ކޮންމެ 3މަހުން ސައިޓް ވިޒިޓްވެސް ބާއްވަމުން އަންނަ ކަމަށެވެ. މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު ކައުންސިލުން ވިދާޅުވީ އަންނަ އޮގަސްޓަމަހުގެ ތެރޭގައި ފްލެޓްތައް އޭގެ ވެރިންނާއި ހަވާލުކުރާނެކަމަށެވެ.
"ގެތަށް މި ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއް ނިންމާފައި. މުށި ޖެހުމާއި، ފާހަނައާއި، މުށިޖެހުން އަދި ބަދިގެ ސެޓުވެސް ހުންނާނެ. ހަމަ ފަރުނީޗަރު ވައްދާލަން ޖެހޭނީ." ރިލްވާން ވިދާޅުވިއެވެ.
ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރުދަނީ ކުރިއަށެވެ. ގެތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 69މިލިއަން ރުފިޔާއަށެވެ.
މިއީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. ކޮންމެ ރޯ ހައުސްއެއްވެސް ހުންނާނީ ދެ ފަންގިފިލާއަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ދޫކުރި 60 ރޯހައުސްގެ ކުއްޔަކީ 3000 ރުފިޔާއެވެ.
ކުޅުދުއްފުށީގެ އާބާދީ 10000އާއި ގާތްކުރެއެވެ. ކައުންސިލް ވިދާޅުވީ ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވާ 1200އަށްވުރެ ގިނަ މީހުން ތިބިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވަނީ އެރަށުގައި ބޯހިޔާވަހިކަމުގެ ބިޔަ މަޗްރޫޢުއެއް އުޢުލާން ކުރައްވާފައެވެ. މި މަޝްރޫޢުގައި ހިމެނެނީ 400 ހައުސިން ޔުނިޓްގެ މަޝްރޫޢުއަކާއި، އަދި ބޭރުގެ ޕާޓީއަކާއި ގުޅިގެން 1000 ޔުނިޓްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ރައީސް އިޢުލާންކުރެއްވިއެވެ.
މި މަޝްރޫޢުތަކާއެކު ރަށުެގ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާވެއެވެ.