ޚަބަރު

"ހޮޅުދޫ ޒުވާނުންގެ މަރުކަޒު ހުރި ބިމުގައި އައު އިމާރާތެއް އަޅާ، މޭނާ ސްކޫލް އެއް ކެމްޕަހަކަށް"


ނ. ހޮޅުދޫ ޒުވާނުންގެ މަރުކަޒު ހުރި ބިމުގައި މޭނާ ސްކޫލުގެ އައު އިމާރާތް ބިނާކޮށް، މޭނާ ސްކޫލް އެއް ކެމްޕަހަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޭނާ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މޭނާ ސްކޫލަކީ ނ.ހޮޅުދޫގެ ނަމާ ގުޅިފައިވާ ހޮޅުދޫ ރައްޔިތުންގެ ފަޚުރާއި ޝަރަފުކަމަށެވެ. އަދި ނ. އަތޮޅުގެ ތަޢުލީމީ ދާއިރާއަށް ބަލާއިރުވެސް މޭނާ ސްކޫލަކީ އެފަދަ ދެވަނައެއްނެތް ވަރުގަދަ ތަނބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ނ. އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއްނެތި 2 ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީވެސް މޭނާ ސްކޫލުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސްކޫލުން ޤައުމީ ފެންވަރުގައި ހޯދަމުންދާ ކާމިޔާބީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އޯލެވެލްގެ ޓޮޕް އެޗީވާސް އެވޯޑް، މި ސްކޫލްގެ 39 ދަރިވަރަކު ވަނީ ހޯދާފައި. އަދި އޭ ލެވެލްގެ ޓޮޕް އެޗީވާސް އެވޯޑް ވެސް މި ސްކޫލްގެ 31 ދަރިވަރަކު ވަނީ ހޯދާފައި. ބިޒްނަސް އާއި އެކައުންޓިންގ އިން ދުނިޔޭގެ ފެންވަރުގެ މަތީ ވަނަތައް ތަކުރާރުކޮށް އަންނަނީ ހޯދަމުން. އަދި ވަކިވަކި މާއްދާތަކުން ވެސް މިސްކޫލްގެ ދަރިވަރުން އަންނަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ވަނަތައް ހޯދަމުން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޭނާ ސްކޫލަށް މިވަގުތު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާ ސްކޫލުގެ ހިންގުން އެއް ކެމްޕަހަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެ މަސައްކަތް ސަރުކާރުން ކުރައްވާނީ ސްކޫލުން އެދިފައިވާގޮތަށްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެއް ކެމްޕަހަކަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ޖާގަ އެއްވެސް ކެމްޕަހެއްގައެއް ނެތް. އެކަމަށް އޮތް ޙައްލަކީ، އައު ކެމްޕަސް ކައިރީގައި، ޒުވާނުންގެ މަރުކަޒު އެހުރި ބިމުގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލުން. އެމަސައްކަތް އަޅުގަނޑުމެން ކުރާނީ ސްކޫލުން އެދިފައި އެއޮތްގޮތަށް 22 ކްލާސްރޫމާއި، އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަސައްކަތްކޮށްދޭނަން. އަދި ސްކޫލްގެ ބައު ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި މޭނާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކަށް ޚާއްސަ ސަރވިސް އެވޯޑެއް ވަނީ ދީފައެވެ. މި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ސަރވިސް އެވޯޑް 19 ބޭފުޅަކަށް އަރުވާފައިވެއެވެ. އަދި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން "އަލިމަސް" މި ނަމުގައި ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ނެރެދެއްވާފައެވެ.

މޭނާ ސްކޫލަކީ ހޮޅުދޫގެ އިތުރުން މުޅި ނ. އަތޮޅު ފަޚުރުވެރިވާ ތަޢުލީމީ މުހިއްމު ބިނާއެކެވެ. މިއީ އަތޮޅުތެރޭގައި މިވަގުތު ހުރި ދެވަނައަށް އެންމެ ދުވަސްވީ ތަޢުލީމީ ބިނާވެސްމެއެވެ. މޭނާ ސްކޫލު ވުޖޫދުވީ މީގެ 75 އަހަރު ކުރިން 2 ޖޫން 1947 ގައެވެ.

މި ސްކޫލު އެންމެ ފުރަތަމަ ހުޅުވުނީ "ހޮޅުދޫ ރައްޔިތުންގެ ސްކޫލް"ގެ ނަމުގައެވެ. އެފަހުން ސްކޫލުގެ ނަން މަދަރުސަތުލް ޘަޤާފާގެ ނަމަށް ބަދަލުކުރެވުނެވެ. މިހާރު ބޭނުންކުރާ މޭނާ ސްކޫލުގެ ނަމަށް ބަދަލުކޮށްފައިވަނީ 12 އޯގަސްޓް 1969 ގައެވެ. ރަށުގެ ރައްޔިތުން ހިންގަމުން އައި މި ސްކޫލު ސަރުކާރު ސްކޫލެއްގެގޮތުގައި ހަމަޖައްސަވާފައިވަނީ 1 އޯގަސްޓް 1992 ގައެވެ.

މޭނާ ސްކޫލުގެ ބާނީއަކީ ހޮޅުދޫ މާމުދިމު އަލްމަރުހޫމް އިބްރާހީމް މޭނާ ކަލޭފާނެވެ. 2 ކެމްޕަހެއްގެގޮތުގައި ހިންގާ މޭނާ ސްކޫލުގައި މިވަގުތު 350 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. މިއީ ޕްރީ ސްކޫލުން
ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.