ކުޅިވަރު

ލިވަޕޫލް ފައިނަލަށް ގެންގޮސްދޭނަން - ކްލޮޕް


އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ ސްޓޯކް ސިޓީއާއި ދެކޮޅަށް ނިކުންނަ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލް ފުރަތަމަ ފައިނަލަށް ގެންގޮސްދޭން ކެތްމަދުވެފައި ހުއިކަމަށް ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. ލީގް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގްގެ މެޗް ލިވަޕޫލް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މިރޭ ދެވަނަ ލެގްގެ މެޗަށް ނިކުންނައިރު ޓީމާއިމެދު ފުރިހަމައަށް އިތުބާރު އެބައޮތްކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލް ފައިނަލެއްގައި ވާދަކޮށް ޓްރޮފީއެއް އުފުލާލާތަން ބަލަން ކެތްމަދުވެފައިހުރިކަމަށް ކްލޮޕް ބުންޏެވެ. "ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައި. އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ އެހީއާއިއެކު މިރޭގެ މެޗް ކާމިޔާބުކުރެވޭނެކަމާއިމެދު ޝައްކުވެސް ނުކުރަން. ސަޕޯޓަރުންގެ އަޑު އަބަދުވެސް މިކަހަލަ މެޗުތަކުގައި ކެނޑިނޭޅި އިވޭ. މިރޭގެ މެޗުގައިވެސް މަންޒަރު ބަލަން އަހަރެން މިހިރީ ކެތްމަދުވެފައި." ކްލޮޕް ބުންޏެވެ.ލިވަޕޫލްގެ އެންފިލްޑް ދަނޑުގައި މިރޭގެ މެޗަށް ނިކުންނައިރު ތާރީޚް ބުރަވަނީ ލިވަޕޫލް ކޮޅަށެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް ލީގް ކަޕްގެ ސެމީ ފައިނަލަކުން ބަލިވެފައިނުވާއިރު އެންމެ ފަހުން އެންފިލްޑްގައި ސްޓޯކް ކުޅުނު ތިރީސް ހަ މެޗުންވެސް އެޓީމް މޮޅުވެފައެއް ނުވެއެވެ. ޔާގެން ކްލޮޕް ބުނީ ލިވަޕޫލްގެ ކޯޗްކަމާއި ހަވާލްވިތާ ހަތަރު މަސްތެރޭގައި ފައިނަލަކަށް ޓީމް ގެންގޮސްދެވިއްޖެނަމަ އެއީ ކާމިޔާބީތަކެއް މުސްތަގްބަލްގައި ލިބޭނެކަމުގެ ހެޔޮ ފާލެއްކަމުގައި އޭނާ ދެކޭކަމަށެވެ. އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ ލިވަޕޫލާއި ސްޓޯކް ސިޓީ ވާދަކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން ބާރަގަޑި ސާޅީސް ފަހެއްގައެވެ.