ޚަބަރު

މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ ހަނދާނީ މޮނިއުމެންޓް ރައީސް ހުޅުއްވައިދެއްވައިފި


ނ. ހޮޅުދޫ މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ ހަނދާނީ މޮނިއުމެންޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.

މި މޮނިއުމެންޓް ރައީސް ހުޅުއްވައިދެއްވާފައިވަނީ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ހޮޅުދޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ.

މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ހަނދާނީ މޮނިއުމެންޓް ހަދާފައިވަނީ މޭނާ ސްކޫލުގެ އައު އިމާރާތުގައެވެ. މި މޮނިއުމެންޓް ފަރުމާކޮށްފައިވަނީ ސްކޫލް ލޯގޯގައި ހިމެނޭ ދަަންމަރު ސިފަވާގޮތަށެވެ. މި މޮނިއުމަންޓް ޑިޒައިންކޮށްފައިވަނީ އާކިޓެކްޗަރގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ މޭނާ ސްކޫލުގެ އިސް ދަރިވަރު ނ. ހޮޅުދޫ ބަނަފްސާވިލާ ޙައްވާ ނިޝްވާއެވެ.

ސްކޫލުގެ އަލިމަސް ޔޫބީލާ ދިމާކޮށް އައު އިމާރާތުގައި ޚާއްސަ މޮނިއުމެންޓެއް ހަދާފައިވާއިރު، ސްކޫލްގެ 50 ވަނަ އަހަރީ ދުވަހު ރަންޔޫބީލް ހަނދާނީ މޮނިއުމެންޓެއް ސްކޫލުގެ ބައު އިމާރާތް ހިމެނޭ ސަރަޙައްދުގައި މީގެކުރިން ހަދާފައިވެއެވެ.

މި މޮނިއުމެންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ހޮޅުދޫ އިރުމަތީ ފަރާތު އަތިރިމަތީ ސަރަޙައްދުގައި އޮތް "ހަތްތަރި ފަހެއް" ސައިފޮދުގައި ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގެ ތެރެއިން ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްސަ މަލާފަތެއް ވެދުމަށް އަރުވާފައެވެ.

ސައިފޮދު ބޭއްވި ސަރަޙައްދުގައި ސްކޫލުގެ ތާރީޚު ދައްކުވައިދޭ ޚާޢްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން އެކި ދުވަސްވަރު މޭނާ ސްކޫލުގަައި ކިޔަވައިދެމުން އައިގޮތާއި، ސްކޫލް އިމާރާތަށް އައި ބަދަލުތަކާއި، ކިޔަވައިދިނުމުގެ ވަޞީލަތްތަކަށް އައި ބަދަލުތައް ވަނީ ދައްކުވައިދީފައެވެ. ހަމައެހެންމެ ރަށުގައި އިހުޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާ، ކުޅުނު ކުޅިވަރުތައް އަތިރިމަތީ ސަރަޙައްދުގައި ދައްކުވައިދީފައިވެއެވެ.

މި ސައިފޮދުގައި ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.

މޭނާ ސްކޫލަކީ ހޮޅުދޫގެ އިތުރުން މުޅި ނ. އަތޮޅު ފަޚުރުވެރިވާ ތަޢުލީމީ މުހިއްމު ބިނާއެކެވެ. މިއީ އަތޮޅުތެރޭގައި މިވަގުތު ހުރި ދެވަނައަށް އެންމެ ދުވަސްވީ ތަޢުލީމީ ބިނާވެސްމެއެވެ. މޭނާ ސްކޫލު ވުޖޫދުވީ މީގެ 75 އަހަރު ކުރިން 2 ޖޫން 1947 ގައެވެ.

މި ސްކޫލު އެންމެ ފުރަތަމަ ހުޅުވުނީ "ހޮޅުދޫ ރައްޔިތުންގެ ސްކޫލް"ގެ ނަމުގައެވެ. އޭގެފަހުން ސްކޫލްގެ ނަން މަދަރުސަތުލް ޘަޤާފާގެ ނަމަށް ބަދަލުކުރެވުނެވެ. މިހާރު ބޭނުންކުރާ މޭނާ ސްކޫލްގެ ނަމަށް ބަދަލުކޮށްފައިވަނީ 12 އޯގަސްޓް 1969 ގައެވެ. ރަށުގެ ރައްޔިތުން ހިންގަމުން އައި މިސްކޫލް ސަރުކާރު ސްކޫލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ 1 އޯގަސްޓް 1992 ގައެވެ.

މޭނާ ސްކޫލްގެ ބާނީއަކީ ހޮޅުދޫ މާމުދިމު އަލްމަރުހޫމް އިބްރާހީމް މޭނާ ކަލޭފާނެވެ. 2 ކެމްޕަހެއްގެގޮތުގައި ހިންގާ މޭނާ ސްކޫލުގައި މިވަގުތު 350 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. މިއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.