ޚަބަރު

ރައީސް ހޮޅުދޫއަށް، މުޅި ރަށް މޭނާ ސްކޫލުގެ ކުލަތަކުން ޒީނަތްތެރިކޮށްފައި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނ. ހޮޅުދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ހޮޅުދޫއަށް ވަޑައިގެންފައިވަނީ އެރަށު މޭނާ ސްކޫލަށް 75 އަހަރުފުރޭ އަލިމަސްޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ހޮޅުދޫއަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. އެގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ރަށުގެ ގިނަ އަދަދެއްގެ އާއްމުން ބަނދަރު ސަރަޙައްދަށް ގޮސްފައިވެއެވެ.

މޭނާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެގޮތުން ރަށުގެ ރައްޔިތުން ވަނީ އެ ރަށް ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ޤައުމީ ދިދައާއި ސްކޫލުގެ ކުލަތައް ހިމެނޭ ދިދަފަތިތަކުން މުޅި ރަށުގެ މަގުތައް ފުރާލާފައިވާއިރު، ރަށުގެ ބަނދަރު ސަރަޙައްދާއި، ސްކޫލް ހިމެނޭ ސަރަޙައްދުގައި ރަށުގެ ރައްޔިތުންވަނީ ގިޑިގެތައްވެސް ހަދާފައިވެއެވެ.

ރައީސް ހޮޅުދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ ހަނދާނީ މޮނިއުމެންޓް މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވާނެއެވެ.

ހަމައެހެންމެ މޭނާ ސްކޫލުގެ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާ ޕީ.އެސް.އެމްގެ އެކި ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.