ވިޔަފާރި

މިފްކޯގެ "ޑްރެއިންޑް ކަނޑުމަސް ޗަންކްސް"މިހާރު ބާޒާރުން ލިބޭނެ


މިފްކޯއިން އަލަށް ތައާރަފްކުރި "ޑްރެއިންޑް ކަނޑުމަސް ޗަންކްސް" މަސްދަޅު ބާޒާރުގައި ވިއްކަން ފަށައިފިއެވެ. މިފްކޯއިން ބުނީ މި މަސްދަޅު މިފްކޯގެ ފިހާރަތަކާއި އެހެން ބައެއް ފިހާރަތަކުންވެސް މިހާރު ލިބެން ހުންނާނެކަމަށެވެ.

މިފްކޯއިން މި މަސްދަޅު ތައާރަފްކޮށްފައިވަނީ މިއަހަރުގެ އެފްއެންޑްބީ ޝޯވގެ ތެރެއިންނެވެ. ނަމަވެސް މިއީ މި މަސްދަޅު ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ. މި މަސްދަޅަކީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މަސްދަޅެއްކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ކުޑަ ތެޔޮފޮދަކާއިއެކު މި މަސްދަޅު ތައްޔާރުކޮށްފައިވުމުގެ ސަބަބުން މި މަސްދަޅު ތައްޔާރުކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެކަމަށް މިފްކޯއިން ވިދާޅުވިއެވެ. އެގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ސީދާ ތެއްޔަށް އަޅައި ކެއްކުމުގައި ފަސޭހަވެގެންދާނެއެވެ. އަދި ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ ތަޣައްޔަރުވުން ކުޑަކޮށްދޭނެކަމަށް މިފްކޯއިން ދެކެއެވެ.

މީގެއިތުރުން މި މަސްދަޅުން ވަގުތުން ސޭންޑްވިޗް، ޕަނީނޯ ފަދަ ތަކެތި ފަސޭހަކަމާއިއެކު ތައްޔާރުކުރެވޭނެކަމަށް މިފްކޯއިން ވިދާޅުވިއެވެ. މި މަސްދަޅު ސަންފްލާވަރ އޮއިލް، ސޯޔާ ބީން އޮއިލް އަދި އޮލިވް އޮއިލް ފަދަ ތަފާތު ރަހަތައް އުފައްދާ ބާޒާރަށް ނެރޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިއީ މިފްކޯއިން މިހާރު އުފައްދާ "ޗަންކްސް އިން އޮއިލް" އާއި އަޅާބަލާއިރު އަގުހެޔޮ އުފެއްދުމެއްކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މިފްކޯއަކީ މީގެކުރިންވެސް ތަފާތު އީޖާދީ އުފެއްދުންތަކެއް ބާޒާރަށް ނެރެފައިވާ ކުންފުންޏެކެވެ. އެގޮތުން ނިމިދިޔަ ރޯދަމަހަށް ޚާއްސަކޮށްގެން މިފްކޯއިން ވަނީ އައު ދެ ވަތްތަރެއްގެ މަސްދަޅު ބާޒާރަށް ނެރެފައެވެ. އެގޮތުން ބަނޑައިދޫ މަސްދަޅާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސް ދަޅެއް މިފްކޯއިން ވަނީ ބާޒާރަށސް ނެރެފައެވެ.