ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވައްސަށް ސަރުކާރުން 101 މިލިއަން ޔޫރޯގެ ލޯން ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތުގައި ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ސަރުކާރުން މިލޯން ފެސިލިޓީ ހޯދާފައިވަނީ އައި.އެން.ޖީ ބޭންކާއި އޭ.ކޭ.އޭ އެކްސްޕޯޓް ކްރެޑިޓް ބޭންކާއި އޭ.ބީ.އެން އަމްރޯ ބޭންކުންނެވެ. އެއްބަސްވުމުގައި އޭ.ބީ.އެން އަމްރޯ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ހެޑް އޮފް އެކްސްޕޯޓް ފިނޭންސް، ޔޫސްޓް ކިސާސްއެވެ. އައި.އެން.ޖީ ބޭންކްއާއި އޭ.ކޭ.އޭ އެކްސްޕޯޓް ކްރެޑިޓް ބޭންކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އައި.އެން.ޖީ ބޭންކުގެ ޑިރެކްޓަރ ވިލެމް ނުއަސްއެވެ.
ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން ނަގާ މި ފެސިލިޓީއަކީ ސަތޭކަ އެއް މިލިއަން ހަތް ސަތޭކަ އަށްޑިހަ ހަތް ލައްކަ ފައްސަތޭކަ ޔޫރޯގެ ނުވަތަ 1.6 ބިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެކެވެ. މިއީ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސަށް ފައިނޭންސިންގް ފޯރުކޮށްދިނުމަށްޓަކައި ލިބިފައިވާ ލޯން އެހީއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫޢަކީ ސަރުކާރުން 2019އިން 2023އަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތީން މާލޭ ސަރަހައްދު ތަރައްޤީ ކުރުމަށް ބޭނުންވާ މުހިންމު މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކައި ބައިނަލްއަޤްވާމީ ފެންވަރު އައު ޕޯޓެއް ތަރައްޤީކޮށް މާލޭގައި މިހާރު ހުރި ޕޯޓު ގުޅިފަޅަށް ބަދަލު ކުރެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭއަށް ދިމާވެފައިވާ ބަނދަރުގެ ތާށި ކަމަށް ހައްލެއް ލިބި މާލޭގެ ބިމުން ޖާގަ ސަލާމަތްވުމުގެ އިތުރުން ތޮށްޖެހިފައިވާ މާޅޭގެ ޓްރެފިކް ފްލޯއަށްވެސް ލުޔެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން ގުޅިފަޅުގައި ތަރައްޤީ ކުރާ ޕޯޓަކީ ރާއްޖޭގެ އިޤްތިޞާދަށް އެކަށީގެންވާ ވަރުގެ ޕޯޓަކަށް ވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިއާއެކު އިޤްތިޞާދު ކުރިއަރުވައި، އިޤްތިޞާދީ ހަރަކާތް އިތުރުކުރުމަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަ ކުރައްވައެވެ.
ގުޅިފަޅުން ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިން ކުންފުންޏާއެވެ. އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 6 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ހިއްކި ބިން ޙިމާޔަތްކުރުމަށްޓަކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށްވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް މިދިޔަ އަހަރު ތެރޭ ވަނީ ނިންމާލާފައެވެ.