ޚަބަރު

ތިނަދޫއަށް ކަރަންޓް ދިނުމަށް އެކި ރަށްރަށުން ޖަނަރޭޓަރު ގެންދަނީ


ތިނަދުއަށް ވަގުތީގޮތުން ކަރަންޓް ދިނުމަށް މާލެއާއި އެކި ރަށްރަށުން ޖަނަރޭޓަރުތައް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާޓުދެއްވަމުން އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ، މިހާރު ތިނަދޫ ހޮސްޕިޓަލުގެ މުހިންމު ކަންކަމަށް ބޭނުންވާ ކަރަންޓް ދޫކުރެވިފައިވާކަމަށެވެ. އަދި މި އަލިފާޏުގެ ހާދިސާ ހިނގިއިރު ތިނަދޫ ފެން ޕްލާންޓުގައި 800 ޓަނުގެ ފެން ރައްކާކުރެވިފައި ހުރުމުން، ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތިނަދޫގެ ރައްޔިތުންނަށް ދަތިކަމެއް ނެތި ފެނުގެ ޚިދުމަތް ދެވޭނެކަމަށެވެ.އެހެން ނަމަވެސް ކަރަންޓް ނެތުމުގެ ސަބަބުން ގެތަކުގައި ފާޚާނާ ކުރުންފަދަ އަސާސީ ބޭނުންތަކަށް ވަޅުން ފެން މޯޓަރު ބޭނުންކޮށްގެން ފެން ނެގުމުގައި ދަތިތަކެއް މިހާރުވަނީ ދިމާވެފައެވެ. މި ދަތިތައް ހައްލުކުރުމަށް ޖަނަރޭޓަރުތައް އިންސްޓޯލް ކުރެވޭ ވަރަކުން ވަކި ގަޑިތަކެއްގައި ވަގުތީގޮތުން ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް ނިމާލް ވަނީ ވިދާޅުވެފައެވެ.ތިނަދޫގެ އިންޖީނުގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ މި ހާދިސާގައި އެރަށުގެ އިންޖީނުގޭގެ ޕެނަލްބޯޑާއި ހުރިހާ ޖަނަރޭޓަރުތަކެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މި ހާދިސާގައި ލިބުނު ގެއްލުން ގާތްގަނޑަކަށް 22 މިލިއަނެއްހާ ރުފިޔާއަށް ލަފާކުރެވޭކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށްވެސް ނިމާލް ވިދާޅުވިއެވެ.  މިހާދިސާގައި ހަލާކުވި ބައެއް ސާމާނުތަކުގެ ތެރޭގައި 3 އިންޖީނާއި، 2 އާރކި ސާރކިޓް ޕެނަލްއާއި، 2 ޑިސްޓިއުބިޝަން ޕެނަލްގެ އިތުރުން 172  ސޯލާރ ޕެނަލް ހިމެނެއެވެ. ތިނަދޫގައި ރޭ ހިނގި އަލިފާނުގެ ޙާދިސާގައި އެއްކޮށް ބޭނުންކުރެވޭ ވަރަށް އަނދާފައިވަނީ 1000 ،720 އަދި 600 ކިލޯ ވޯޓުގެ ޖަނަރޭޓަރެވެ.ތިނަދުއަށް ކަރަންޓް ދޫކުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ތިނަދޫގެ އާންމު ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް މިއަދު ހަވީރު ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީ އިން 2 ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ފަށާނެކަމަށާއި އަދި މި ދެ ޖެނަރޭޓަރު ތިނަދޫއަށް ގެންދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާރޭގެ ދަންވަރުގެ ވަގުތެއްގެ ކަމަށް ފެނަކައިން މައުލޫމާތު ދެއްވައެވެ. 2 މެގަ ވޯޓުގެ މި ދެ ޖަނަރޭޓަރު ބޭނުންކޮށްގެން ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ 1600 ވޯޓުގެ ކަރަންޓް ދޫކުރެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.އަދި ގއ. ވިލިނގިއްޔާ އަދި މޭމެންދޫއިން ތިނަދޫއަށް ގެންދާ ޖަނަރޭޓަރުތައް ތިނަދުއަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި ޖަނަރޭޓަރުތައް އެރަށަށް ގެންދެވުނުހާ އަވަހަކަށް ތިނަދޫގައި ހުރި މުހިންމު މުއައްސަސާތަކަށާއި ތަންތަނަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެކަމަށް ނިމާލް ވިދާޅުވިއެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންޖިނޭރުންގެ ޓީމުތައް ތިނަދުއަށް ގެންދިއުމުގެ މަސައްކަތްވެސް ފެނަކައިން މިހާރުވަނީ ފަށާފައެވެ.