ޚަބަރު

އޭދަފުށީގެ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރަން ފެނަކައިން ތައްޔާރުވަނީ


އޭދަފުށްޓަށް ދިމާވެފައި އޮތް ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެރަށުގައި ބަހައްޓާ ޓްރާންސްފޯމަރުތަކަށް އަޅާ ހައިވޯލްޓޭޖް ކޭބަލް އެރަށަށް ގެންގޮސްފިއެވެ. އެރަށުގައި މިހާރު ކަރަަންޓް ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލް އަކީ 1995ވަނަ އަހަރު އަޅާފައިވާ ކޭބަލް ތަކެކެެވެ. މިހާރު 27 އަހަރުވީ މި ކޭބަލްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ފެކަނަ އޭދަފުށީ ބްރާންޗުން ބުނެއެވެ.

ކަރަންޓްގެ މައްސަލަ އަބަދުހެން އޭދަފުއްޓަށް ކުރިމަތިވެއެވެ. އާންމުކޮށް ދިމާވަނީ ކަރަންޓް ފޯރުކޮށްދިނުމަށް އަޅާފައި އޮތް ކޭބަލްތައް ހިމަވުމުން ރަށުގެ އެކި ހިސާބުތަކަށް ވޯލްޓޭޖް ދައްވާ މައްސަލައެވެ. އަދި އެކޭބަލްތައް މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭއިރު ބައެއް ކޭބަލްތައް ބަޑިޖެހުމުގެ ކަންކަންވެސް ދިމާވަމުން އާދެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ރަށުން ގިނަ ވަގުތުތަކަކަށް ކަރަންޓް ކެނޑޭ ހާލަތްތައްވެސް މެދުވެރިވެއެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައި އޮތް ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އޭދަފުށީގެ މިކަން ހައްލު ކުރެވެން އޮތީ ފަސް ސަރަހައްދެއްގައި ޓްރާސްފޯމަރުތައް ބަހައްޓައިގެންނެވެ. ޓްރާސްފޯމަރުތައް ބަހައްޓާ ކަރަންޓް ފޯރުކޮށްދޭން ފެށުމުން މި މައްސަލައަށް ހައްލު ލިބިގެން ދާނެކަމަށް އޭދަފުށީ ފެނަކައިން ވިދާޅުވެއެވެ. އެގޮތުން 2 ޓްރާސްފޯމަރެއް މިހާރު އޭދަފުށްޓަށް ގެންގޮސްފައިވާއިރު ޖުމްލަ 7 ޓްރާސްފޯމަރެއް ބަހައްޓާނެއެވެ. އޭގެތެރެއިން 5 ޓްރާސްފޯމަރު ބަހައްޓާނީ ރަށުގެ އެކިސަރަހައްދުތަކުގައެވެ. އަނެއް ދެ ޓްރާސްފޯމަރު ބަހައްޓާނީ ފެނަކަ އޭދަފުށީ ބްރާންޗްގައެވެ.

ޓްރާސްފޯމަރުތައް ބެހެއްޓުމަށް ބޭނުންވާ ބިން ކައުންސިލުން ވަނީ ފެނަކަ ކޯޕަރޭޝަނަށް ދޫކޮށްފައެވެ. އެހެންނަމަވެސް ބައެއް ބިންތަކުގެ ސީދާ ސަރަހައްދު ދެވޭނީ ރަށުގެ ލޭންޑް ޔޫސްޕްލޭން ނިމުމުން ކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ.

އޭދަފުށީގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމާ ގުޅިގެން ރަށުން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށަށް ސަރުކާރުން ވަނީ 1 މެގަ ވޯޓްގެ ޖަނަރޭޓަރ ސެޓެއްވެސް ގެންގޮސްފައެވެ. އަދި އިންޖީނުގޭގައި އައު އިންޖީން ރޫމެއްއަޅާ މިޖަނަރޭޓަރ ސެޓް އިންސްޓޯލްކޮށް މިހާރު އަންނަނީ ކަރަންޓް ފޯރުކޮށްދެމުންނެވެ.

އޭދަފުށީގައި މިހާރު ކަރަންޓް ފޯރުކޮށްދެނީ 300 ކިލޯވޮޓް އާއި 600 ކިލޯވޮޓް އާއި 800 ކިލޯވޮޓްގެ އިތުރުން 1 މެގަ ވޮޓްގެ ޖަނަރޭޓަރ ސެޓް މެދުވެރިކޮށެވެ.

އޭދަފުއްޓަށް ދިމާވެފައިވާ އޮތް ކަރަންޓްގެ މައްސަލަ ހައްލުކޮށް ރަނގަޅު ކުރުމަށް ވޯލްޑް ބޭންކްގެ އެހީގައި 1.5 މެގަވޮޓްގެ ސޯލާޕެނަލް ހަރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރު ތެރޭގައި މިމަސައްކަތް ފެށޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރާ ހަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއެވެ.