ޚަބަރު

ހިޔާގެ ފުރަތަމަ ކްލިނިކް، ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުންވެސް އެއްތާކުން


ހިޔާ ސަރަޙައްދުގެ ފުރަތަމަ މެޑިކަލް ކްލިނިކް ހުޅުވައިފިއެވެ. "ހިޔާ މެޑިކަލް ސެންޓަރ" ހުންނާނީ ހިޔާގެ 12ވަނަ ޓަވަރުގެ އެންމެ ރިތީ ފަންގިފިލާގައެވެ. ކްލިނިކް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކްލިނިކް ހުޅުއްވައިދެއްވީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ކްލިނިއަކީ ލައިފް ސަޕޯރޓް މެޑިކަލް ސަރވިސެސްގެ ފަރާތުން ހުޅުވި ކްލިނިކެކެވެ.

ލައިފް ސަޕޯޓް މެޑިކަލް ސަރވިސަސްގެ މެނޭޖިން ޑައިރެކްޓަރ ކެޕްޓަން އަޙުމަދު މައުމޫނު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ކްލިނިކް ފަރުމާކޮށް ޚިދުމަތްތައް ހަމަޖައްސާފައިވާނީ އެއް ތަނަކުން ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށްކަމަށެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތާއި، އެކްސްރޭއާއި ސްކޭންފަދަ ޓެސްޓްތައް ހެދުމާއި އަދި ކުދި ޕްރޮސީޖަރތައްވެސް ކްލިނިކްގައި ހެދޭގޮތަށްކަމަށެވެ. މީގެއިތުރުން ޑެންޓަލް ސެންޓަރއަކާއި އަދި ޑޭ އޮބަޒަވޭޝަންގައި ބާއްވާ ބަލިމީހުންނަށްވެސް ފަރުވާދޭނެ އިންތިޒާމް ހުންނާނެއެވެ.

ކްލިނިކުން ލިބޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްސަ ބަލިތަކާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތާއި، ކަށީގެ ފަރުވާ، ކަރުން މަތީގެ ބަލިތައް އަދި ހަމުގެ ބަލިތަކުގެ ފަރުވާ ލިބޭނެއެވެ.

މައުމޫން ވިދާޅުވީ އެންމެ ބޮޑު ލުއިފަސޭހައަކަށްވާނީ، ޓެސްސްޓްތައް ހެދުމަށް ހަދަންޖެހޭ މެމޯ ތަކާއި އަދި ފޯލޯ-އަޕް އެޕޮއިންޓްމަންޓްތަކަށް މެމޯ ހެއްދުން ފަދަ ކަންކަން، ޑޮކްޓަރައް ދައްކައިގެން ނިކުންނައިރު ކޮންސަލްޓޭޝަން ރޫމުން ހަމަޖެހިގެން ނިކުތުންކަމަށެވެ.

ސެންޓަރުގެ ޚިދުމަތް ތަކުގެތެރޭގައި، ގޭގެއަށް ގޮސްގެން ފަރުވާދެވޭނެ އިންތިޒާމްތަކެއްވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުންނާއި އަދީ ހާލު ދެރަ މީހުންނަށް، ގޭގެއަށް ގޮސްގެން ފަރުވާދެމުން ދާނެއެވެ.

މައުމޫން ވިދާޅުވީ އެމަޖެންސީ ޙާލަތަކުގައި ޚިދުމަތް ދިނުމަށް ރެސިޑެންޓް ޑޮކްޓަރެއްވެސް ހަރަކާތްތެރިވާނެކަމަށެވެ.

މި ކްލިނިކުން އާސަންދައިގެ ޚިދުމަތްވެސް ލިބޭނެއެވެ. ކްލިނިކް ހުޅުވައިގެން ޚިދުމަތް ދޭނީ ހެނދުނު 08:00އިން ރޭގަނޑު 10:30އަށެވެ.