ވިޔަފާރި

ރަންދިހަ ފަހެއް ނޫޓު ސީރީސް ރައީސް ނެރެދެއްވައިފި


ދިވެހި
ފައިސާގެ އައު ނޫޓޫ ސީރީސް، ރަންދިހަ ފަހެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްް
ނެރެދެއްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާ މި ނޫޓް ސީރީސް ރަސްމީކޮށް ނެރެދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.



"
ރަންދިހަ ފަހެއް"ގެ ނަމުގައި ނެރެފައިވާ އައު ނޫޓުތައް އާއްމުންނަށް މިއަދުން ފެށިގެން
ބޭންކުތަކުގެ އޭޓީއެމްތަކުން ލިބެން ހުންނާނެއެވެ. އޭޓީއެމްތަކުން އާ ނޫޓު ލިބެން
ފަށާނީ، މިއަދު
މެންދުރު ފަހު 2:00 ން ފެށިގެން ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ.



އައު ނޫޓު ބޭނުންކޮށްގެން އެންމެ ފުރަތަމަ މުޢާމަލާތް ކުރުމަށް ހަމަޖެހިފައިވަނީ، މިއަދު ދުވަހު ހެނދުނު ދަތުރުވެރިންގެ މާރުކޭޓުގައިކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ރަސްމީކޮށް ނޫޓު ބޭނުންކުރަން ފެށުމުން ބޭންކުތަކުން އައު ނޫޓު ލިބެން ހުންނާނެކަމަށާއި، އަދި ކ.ގުރައިދޫގައި ހުންނަ ފިހާރައެއްގައި ވެސް މިއަދު އެ ނޫޓު ބޭނުންކޮށްގެން މުޢާމަލާތެއް ކުރަން ވަނީ ހަމަޖެހިފައި ކަމަށެވެ.ދިވެހިރުފިޔާގެ އާނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓްސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ  ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫތްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ. މީގެ އިތުރުން އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުންގަޑުވެސް އަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާނެއެވެ.ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ބައިތަކެއް އެކުލެވެއެވެ.މިއަދު އަލަށް ތައާރަފު ކުރެވުނު ނޫޓުތައް ޗާޕްކޮށްފައި ވަނީ،
ޕޮލިމާގައެވެ. މި ނޫޓް ސީރީޒްގައި ހިމެނެނީ، 10،
20، 50،
100،
500 އަދި ފުރަތަމަ ފަހަރަށް ތައާރަފުކުރި 1000 ރުފިޔާގެ ނޫޓެވެ.