ޚަބަރު

ފެނާއި ނަރުދަމާ މަސައްކަތާއެކު ކަނޑޫދޫ ރައްޔިތުންނަށް އުފާވެރިކަން


ތ.ކަނޑޫދޫއަކީ ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ނަމޫނާ ރަށެކެވެ. ފަތުރުވެރިކަމަށް ރަށް ހުޅުވާލުމަކީވެސް ރަށުގެ ރައްޔިތުންގެ އުއްމީދެކެވެ. އެހެންނަމަވެސް މިހުރިހާ ކަމަކަށްވެސް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ފެން ލޮނުވުމާއި ރަނގަޅު ނަރުދަމާ ނިޒާމެއް ނެތުމެވެ.

އާބާދީގައި 600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަނޑޫދޫއަކީ މީސްކޮޅު މަދުނަމަވެސް ރާއްޖޭގައި ނަންވިދާ ރަށެކެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ބާޒާރުގައި ކަނޑޫދޫ މިރުހަށް ލިބިފައިވާ ޖާގަ އެހެން މިރުހަކަށް ނެތެވެ. ދަނޑުވެރިކަމުގެ އިތުރުން ގުދުރަތީ ރީތިކަމެއް ލިބިފައިވާ ކަނޑޫދޫއަށް ލޯކަލް ޓޫރިޒަމް ތަޢާރަފްކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު މިވަނީ ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް އައިސްފައިކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް އޮތް އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިހާރު މިމަސައްކަތުގެ ތެރެއިން ނަރުދަމާގެ ގާތްގަނޑަކަށް 98 ޕަސެންޓް ހޮޅި ވަޅުލާ ނިމިފަ މިވަނި. މީގެ އިތުރުން ފެނުގެ ވެސް 98 ޕަސެންޓް ނިމިފަ މިވަނީ" ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވިއެވެ.

ކަނޑޫދޫ އަކީ ދަނޑުވެރި ރަށަކަށްވުމާއިއެކު ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެން ލޮނުވުމުގެ މައްސަލައެވެ. މިކަމުގެ ސަބަބުން ދަނޑުތަކަށް ގެއްލުން ލިބި ދަނޑުތައް ހަލާކުވުމަކީ ދިމާވާ މައްސަލައެކެވެ.

"މިހާރުވެސް ފެން ލޮނުވުމުގެ މައްސަލަ މިރަށުގައި އެބަ އުޅޭ. މީގެ އެންމެ ބޮޑު އުނދަގުލެއް ވަނީ ދަނޑުވެރިންނަށް. މިމަސައްކަތް މިހާރު ނިމެމުންދާއިރު އެއީ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް އަދި ފައިދާއެއް" ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވިއެވެ.

ކަނޑޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ.

މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ޤާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މިމަޝްރޫޢަކީ 19 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ އިތުރުންވެސް ކަނޑޫދޫގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ފުޓްސަލް ދަނޑެއްގެ މަސައްކަތާއި ރާއްޖޭގެ ޤައުމީ ފެރީ ދަތުރުގެ ނިޒާމް ޤާއިމްކުރުމާއި ކުޑަކުދިންގެ ޕާކްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އާބާދީގެ ކުޑަބޮޑުމިނަށް ނުބަލާ ވަކި ރަށެއް ބާކީ ކުރުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކުރައްވަމުންނެވެ. އެގޮތުން މިވަގުތު 345 މަޝްރުޢެއްގެ ޢަމަލީ މަސައްކަތް ފެށައިގެން ދަނީ ކުރިއަށެވެ. އަދި 77 މަޝްރޫޢެއްގެ ޕްލޭނިން މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.