ވިޔަފާރި

ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތުން ދުނިޔޭގެ 7 ވަނައިގައި ރާއްޖެ


ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތަށް ބަލާއިރު ރާއްޖެ އޮތީ ދުނިޔޭގެ 7 ވަނައިގައި ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ކަހަލަ ގޮތަކަށް ބިނާވެފައިވަނީ ފަތުރުވެރިކަމަށެވެ.

ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ހާމަކުރާ ބައުންސްއިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ހިމެނޭ ރިޕޯޓެއް އާންމުކޮށްފައެވެ. މި ރިޕޯޓަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެއޮތީ 1 ވަނައިގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން %38.92 ގައެވެ.

މިރިޕޯޓްގައި ބުނެފައިވަނީ ރާއްޖެއަށް ފަތުރުވެރިކަމުން އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ލިބޭކަމަށެވެ. މިއީ ޤައުމުގެ ޖީޑީޕީގެ %40 އާއި ގާތްކުރާ އަދަދެކެވެ. މި ލިސްޓުގައި 2 ވަނައަށް އެންމެ ބޮޑަށް ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ ޤައުމެއްގެ ގޮތުގައި އޮތީ ބްރިޓިޝް ވަރޖިން އައިލެންޑެވެ. 3 ވަނައިގައި އޮތީ އަރޫބާއެވެ.

މި ރިޕޯޓަށް ބަލާއިރު ޤައުމުގެ އާބާދީގެ ނިސްބަތުން ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބައިގައި ރާއްޖެ އޮތީ ދުނިޔޭގެ 7 ވަނައިގައެވެ. އެއީ މުވައްޒަފުންގެ ނިސްބަތަށް ބަލާއިރު %15.74 އާއިއެކުގައެވެ. ރާއްޖޭގެ އާބާދީގެ ގިނަ މީހުން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. ސީދާ ގޮތުންނާއި އަދި ނުސީދާ ގޮތުންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އިތުރެވެ.

މި ލިސްޓުގެ 1 ވަނައިގައި އަރޫބާ އޮތީ މަސައްކަތްތެރިންގެ ނިސްބަތުން %29.91 ގައެވެ. 2 ވަނައިގައި އޮތީ ކެރީބިއަންގެ ރަށެއްކަމަށްވާ ސެއިންޓް ލޫސިއާއެވެ. އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ %27.30 އެވެ.

ދުނިޔޭގެ ނިސްބަތުން ފަތުރުވެރިކަމުން އަހަރެއްގެ މައްޗަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޤައުމަކީ އެމެރިކާއެވެ. އެ ޤައުމަށް އަހަރެއްގެ މައްޗަށް 536.18 ބިލިއަން ޑޮލަރު ލިބޭކަމަށް މި ރިޕޯޓްގައިވެއެވެ. 2 ވަނައިގައި އޮތީ 455.96 ބިލިއަން ޑޮލަރާއިއެކު ޗައިނާއެވެ. އަދި 3 ވަނައިގައި އޮތީ 162.06 ބިލިއަން ޑޮލަރާއިއެކު ޖަރުމަނުވިލާތެވެ.