ތައިލެންޑުގެ ފުކެޓުގައި ކުރިއަށްދިޔަ "ލެގޫނާ ފުކެޓް މެރަތަން 2022" ގެ ފަސް ކިލޯމީޓަރާއި ހާފް މެރަތަންގެ އުމުރުފުރާ ބައިން ރާއްޖޭގެ އައިޝަތު ރާނިޔާ އެއްވަނަ ހޯދައިފިއެވެ.
ފުކެޓުގައި ކުރިއަށްދިޔަ ލެގޫނާ މެރަތަންގައި ބައިވެރިވެފައިވަނީ ސިފައިންގެ މެރަތަން ޓީމުގައި ހިމެނޭ ރާނިޔާގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރިކޯޑު އޮންނަ ނަސްރުﷲ އަޙްމަދު (ނަސްރު) އަދި ތަޖުރިބާކާރު ދުވުންތެރިޔާ މުޙައްމަދު ރަޝީދު (މޯޑު) އެވެ.
ފަސް ކިލޯމީޓަރުގެ ރޭހުގައި ނަސްރު ވަނީ ރާނިޔާގެ ޕޭސްމާކަރެއްގެ ގޮތުގައި ދުވެފައެވެ. ރާނިޔާ ފަސް ކިލޯމީޓަރުގެ ރޭސް ނިންމާފައިވަނީ 21 މިނިޓާއި 30.9 ސިކުންތުންނެވެ. އަދި ހާފް މެރަތަންގެ އުމުރުފުރާ ބައިގެ އެއްވަނަ ރާނިޔާ ހޯދީ 1 ގަޑިއިރާއި 54.01 މިނިޓުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ދެން މި މެރަތަންގައި ވާދަކުރި ރާއްޖޭގެ މޯޑު ވަނީ ފަސް ކިލޯމީޓަރުގެ އޯވަރޯލް ބަޔާއި، އޯޕަން ކެޓަގަރީން ދެވަނަ ހޯދާފައެވެ. އަދި ހާފް މެރަތަންގެ އޯވަރޯލް ބަޔާއި، އުމުރުފުރާބައިގެ ދެވަނަވެސް މޯޑް ވަނީ ހޯދާފައެވެ.
މީގެ އިތުރުން މި ފަހަރުގެ މެރަތަންގައި ރާއްޖޭގެ އެންމެ ގިނަމެރަތަން ދުވުމުގެ ރިކޯޑު އޮންނަ ނަސްރުﷲ އަޙްމަދު (ނަސްރު) ދުވިއިރު، މިއީ އޭނާގެ 81 ވަނަ މެރަތަންއެވެ.