ޚަބަރު

މިއީ މިކުދިންނަށް އެތައް އުފަލެއް ލިއްބައިދޭ "އަމާން ވެއްޓެއް"!


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްފަަދައިން ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ބޭނުންވާނެއެވެ. އެއްވެސް ކުޑަ ކުއްޖަކާމެދު ގޯސްކޮށް ހިތައި އަޅާނުލައި ދޫކޮށްލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އޭރުން ހަލާކުވާނީ އަޅުގަނޑުމެންގެ މުޖުތަމަޢެވެ.

ރާއްޖެގައި ޚާއްސަ އުސޫލަކުން ބަލަހައްޓާ އެތައް ކުދިންނެއް އެބަތިއްބެވެ. މީގެކުރިން އެފަދަ ހުރިހާކުދިންވެސް އުޅެމުންދިޔައީ މާލޭގެ ކާރޫބާރޫ ބޮޑު މުޖުތަމައުގައި ބަންދުކަންބޮޑު ޚާއްސަ މަރުކަޒުތަކެއްގައެވެ.

ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެގައި ބޮޑުވުމުގެ ފުރުސަތު ލިބެންޖެހޭ ކުއްޖެއްކަމެވެ. މިކަމަށްޓަކައި ދައުލަތުގެ ފަރާތުން މުހިންމު މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން ސަރުކާރުން އެޅުއްވި އެންމެމުހިންމު އެއް ފިޔަވަޅަކީ އެގޮތަށް ބަލަމުންދާ ކުދިން އަތޮޅުތަކުގެ ބައެއް ރަށްރަށަށް ބަދަލުކުރުމެވެ. މަޤުސަދަކީ މުޖުތަމައުގައި އުޅޭ އެހެން ކުދިންނެކޭ ތަފާތު ނުވާގޮތަށް، ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު އެކުދިންނަށް ލިބިދިނުމެވެ.

މާލޭގެ ހަލަބޮލި، ހާސްލަންބޮޑު، ބަންދުކަންބޮޑު މާޙައުލުން ރަށްރަށުގެ ޤުދުރަތީ ހިތްގައިމު މާޙައުލަށް ބަދަލުވި ކުދިންގެ ވާހަތަކުން އެކުދިން ލިބުނު އުފާވެރިކަން ދޭހަވެއެވެ. އަދި މިއީ ސަރުކާރުން ކުރެއްވި މަސައްކަތުގެ މީކާމިޔާބީ ދައްކުވައިދޭ ހެއްކެއްވެސް މެއެވެ.

ރަށްރަށުގެ މި މާހައުލުތަކުން މިކުދިންނަށް އެތައް ފުރުސަތަކާއި އެތައް އުފަލެއް ލިބެއެވެ. ރައްކާތެރިކަމާއެކު ބޭރުތެރޭގައި ހިނގާލައި އުޅުމުގެ ފުރުސަތު ލިބިއްޖެއެވެ. ޢާއްމުންނާ ވާހަކަދައްކައި އެކުވެރިކަން އުފައްދައި ޚިޔާލުބަދަލުކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. މި އުފާވެރި މާހައުލުގައި ތިބެގެން ކިޔެވުމުގެ ފުރުސަތުތައް ފަހިވެއްޖެއެވެ. އާއިލާތަކުގެ ތެރޭގައި ބޮޑެތިވަމުން އަންނަ ކުދިންނެކޭ އެއްގޮތައް މިކުދިންނަށްވެސް ކުރިއަށްދިއުމަށް އޮންނަ ފުރުސަތުތައް އެނގިހާމަވެއްޖެކަމަށް އެކުދިން ބުނެއެވެ.

މާލޭގައި މި ކުދިން އުޅެމުން ދިޔައީ ވަރަށް ގިނަ ކުދިންތަކަކާއެކުގައެވެ. އެހެން ކަމުން ވަކިވަކިކުދިންނަށް ދޭނެޖެހޭ ލޯތްބާއި އަޅާލުން އެންމެ ރަނގަޅަށް ފޯރުކޮށްނުދެވެއެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުން ވަރަށްބޮޑު އެދެވޭ ބަދަލެއް އަތުވެއްޖެއެވެ. ކުދިން ފާޅުކުރަނީ މިޝުޢޫރުތަކެވެ.

"މީ އަސްލު އަޅުގަނޑުމެންގެ ކުރިއެރުމަށް ކުރި ވަރަށް މުހިންމު މަސައްކަތެއް. މާލެއާ އަތޮޅުތައް ވަރަށް ބޮޑަށްތަފާތު. އެއީ ވަކިން ހާއްސަކޮށް އަތޮޅުތަކުގައި ކިޔެވުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ވަރަށް ފަހިކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." ދައުލަތުން ބަލަހައްޓާ ކުއްޖަކު ޕީއެސްއެމް ނިއުސްއަށް ބުންޏެވެ.

އެކިއެކި ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު މިކުދިންނަށް ދިނުމުގެގޮތުން ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގައެވެ. އެގޮތުން ދާދި ފަހުން ބ.އަތޮޅު އޭދަފުށީގައި ހުންނަ އަމާންވެށީގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކޮށް ކަނޑުގެ ދިރުމުގެ މުހިންމުކަން އެކުދިންނަށް އަންގައިދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ފާހަގަކޮށްލެވެއެވެ.

ބ.ބަޔޮސް ފިއަރ ރިޒާވް އޮފީހާއި ރޯޔަލް އައިލެންޑް ރިސޯޓް ގުޅިގެން ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ވަނީ، އެންމަޑި އަރާ ހަނިފަރުބޭއަށް ކުދިން ގެންގޮސް މަޑި ބަލާލައި ތިމާވެއްޓާ ގުޅުންހުރި މުހިންމު މައުލޫމާތުތަކެއް ކުދިނަށް ދީފައެވެ. އެހިސާބުން އެކުދިންނަށް ރިސޯޓެއްގައި ހުރި ފުރުސަތުވެސް އެނގިގެން ދިޔައެވެ. އަދި އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ރޯޔަލް އައިލެންޑް ރިސޯޓުންވެސް ބުންޏެވެ.

"އަސްލު ކޮންމެ އަހަރަކުވެސް މިފަދަ ޕްރޮގްރާމްތައް ހިންގަން. އެކަމު މިފަހަރު މި ކުދިންނަށް މިހިންގުނު ހަރަކާތް ވަރަށްތަފާތު އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކަކަށް މިފަދަ ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު މީގެ ކުރިން ދެވިފައިނުވާތީ" ބ.ބަޔޮސް ފިއަރ ރިޒާވް އޮފީހުން ބުންޏެވެ.

މީގެ 203 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އޭގެތެރެއިން އަމާންވެށިތަކުގައި ތިބީ 84 ކުދިންނެވެ. އެއީ 5 އަމާންވެއްޓެގައެވެ.
އަމާންވެށިތަކަށް ކުދިން ބަދަލު ކުރުމަކީ ރަގަޅު ސިޔާސަތެއްކަމަށް އެކުދިންނެކޭ އެއްގޮތައް ގަބޫލް ކުރަނީ އެކުދިންގެ ޒިންމާ މަތިކޮށްފައިވާ އެސެންޓަރުތަކުގެ ބެލެނިވެރިންނެވެ. ބ.އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ޝޯސަލް ސާވިސް އޮފިސަރ އަޙްމަދު ނަދީމް ވިދާޅުވީ، އަބަދުވެސް އެކުދިންނަށް އޮންނަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާކަމަށެވެ. އަދި އެކަމަށް ރިސޯޓްތަކާއި ސްކޫލްތަކުން އެއްބާރުލުން ލިބޭކަމަށެވެ. މީގެ ކުރިން ހީވެފައި އޮންނަނީ އެކުދިންނަކީ މުޖުތަމަޢުން ބާކީވެފައި ތިބެންޖެހޭނެ ކުދިންގެގޮތުގައި ނަމަވެސް އެކަން ވަރަށްބޮޑަށް ބަދަލުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިއިން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް އަޅާލުމާއި ލޯތްބާކު ބާކީނުކޮށް ބޮޑުކޮށްފިނަމަ ކޮންމެ ކުއްޖަކުވެސް މުޖުތަމައުއަށް ނުކުންނާނީ ރަގަޅު ކުއްޖެއްގެ ގޮތުގައެވެ.