ޚަބަރު

ހައި ސްޕީޑް ފެރީ: އޮންލައިންކޮށް މިހާރު ޓިކެޓް ބުކް ކުރެވޭނެ


ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު ޓިކެޓް ބުކްކުރުމަށް ޕޯޓަލްއަކާއި މޮބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަން އެޕް ސްޓޯއިންނާއި ގޫގުލް ޕްލޭއިންވެސް ޑައުންލޯޑް ކޮށްލެވޭނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޕޯޓަލްއަށް ވަންނަގޮތް ކިޔައިދީ ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. މި ޚިދުމަތުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރްޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ދަތުރު ކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވިދާނެ ކަމަށާއި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެކުއްޖާއަށް ދަތުރު ކުރެވޭނެކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

ޓިކެޓް ބްކްކުރުމަށް ޕޯޓަލްއާއި އެޕްލިކޭޝަން ތަޢާރަފްކޮށްފައިވާއިރު މިހާރު ވަނީ ޒޯން 1 ގެ ރަށްތަކަށް ދަތުރުކުރާނެ އަގުތައްވެސް އާއްމުކޮށްފައެވެ. މިގޮތުން ޒޯން 1 ގައި މިހާރު ފެރީގެ ޚިދުމަތް ފަށާފައިވާ ރަށްތަކުން ދަތުރުކުރުމަށް އެއްކޮޅު ޓިކެޓްގެ އަގުތައް އުޅޭނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައެވެ. އަދި ރިޓާން ޓިކެޓްގެ އަގުތައް އުޅެނީ 65 ރުފިޔާއިން ފެށީގެން 200 ރުފިޔާ އާ ދެމެދުގެ އަގުތަކުގައެވެ.

ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ޚިދުމަތް ފެށީ މިދިޔަ މަހުގެ 2ވަނަ ދުވަހުއެވެ. ފުރަތަމަ ޚިދުމަތް ފެށީ ހދ.އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތަކެވެ.

ޕްލޭނިން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވެފައިވަނީ މިމަސް ނިމެންވާއިރަށް ހއ. ނިންމައި، ޖުލައި މަސް ނިމެންވާއިރަށް ހއ، ހދ، އަދި ށ، ގައި ފެރީގެ ޚިދުމަތް ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. މި މަސައްކަތް ނިމުމަށްފަހު ދެކުނުގައި އެ ޚިދުމަތް ފެށުމަށް ވިސްނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ފެރީ ނިޒާމުގެ ޚިދުމަތް މިހާތަނަށް އެންމެ ގިނައިން ހޯދަނީ ބޭސްފަރުވާގެ ޚިދުމަތަށް، ފެރީ ނިޒާމު ބޭނުންކުރާ މީހުންކަމަށް ޕްލޭނިން މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

ޤައުމީ ފެރީ ނިޒާމަކީ ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.

އެ ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ. އެގޮތުން އެއަރކޯން ކޮށްފައިވާ، މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުރީ އެ ފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރެއެވެ. އަދި ފެރީގައި ފާޚާނާއާއި، ލަގެޖް ބެހެއްޓޭނެ ޖާގަ ޚާއްސަ ކުރެވިފައި ހުރެއެވެ. އަދި އާރްޓީއެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެކަމަށް މި ޚދުމަތް ދެމުން އަންނަ އެމްޓީސީސީން ވިދާޅުވެއެވެ.