ވިޔަފާރި

ޖެހިލުންނުވެ، އެކަނިވެސް އާދޭ! މިއީ އެންމެންގެ "މޯލްޑިވްސް"


"އާދޭ އާދޭ އެންމެން އާދޭ. ޖެހިލުންނުވެ މެ އެކަނިވެސް އާދޭ" މިއީ ރާއްޖޭގެ ފަތުރުވެރިނަށް ރާއްޖެއަށް އައުމަށް ދައުވަތުދީ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ގޮތުން ހަދާފައިވާ ރީތި ލަވައެކެވެ. މިލަވާގައި ބުނަނީ އެއްވެސް ކަންބޮޑުވުމެއްނެތި ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދިވެހިން އެމީހުންނަށް ދަޢުވަތުދޭ ވާހަކައެވެ. އެފަދަ އެއްވެސް ފަތުރުވެރިއަކަށް ހިތްހަމަ ޖެހުމާއި އުފާ ނޫންކަމެއް ރާއްޖެއިން ނުފެންނާނެކަމެވެ. ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކަމާއި ހިތްގައިމުކަން ނޫންކަމެއް ރާއްޖޭގައި ނެތްކަމެވެ. ދިވެހިންގެ ހިތްހެޔޮކަމާއި މެހެމާންދާރީގެ ފުރިހަމަކަމީ މުޅި ދުނިޔެއިންވެސް ހުނިޖަހާލެވޭނެ ހިތްހަމަޖެހުމެއް ލިބޭނެ ކަމެއްކަމަށެވެ.

އެހެންކަމުން މިލަވައިން ބުނެދެނީ އެންމެ ރާއްޖެ އައުމަށެވެ. ޖެހިލުންނުވެ އެކަނިވެސް އައުމަށެވެ. ވައިގެމަގުންނާއި ކަނޑުމަގުންވެސް އައުމަށެވެ. ދިވެހިންގެ ރީތި ސަޤާފަތާއި އުޅުން އަދި ރާއްޖެއަށް ގުދުރަތީގޮތުން ލިބިފައިވާ ރީތިކަން ދެކެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އައުމަށެވެ.

ކޮންމެއަކަސް މީގެ 49 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން ފެށިއިރު ރާއްޖެ މިއަދު ފަތުރުވެރިކަމުގައި މިދެކޭ ހިސާބަށް އާދެވިދާނެކަމަށް ގިނަ ބަޔަކަށް ހުވަފެނުގައިވެސް ދެކެފައިވާނެހެނެއް ހިއެއްނުއެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރިނޭރުވޭނެކަމަށް އެއިރު ބޭރުދުނިޔޭގެ އެތައްބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް ފަތުރުވެރިކަމަށް 50 އަހަރު ފުރުމަށް މަދު ދުވަސްތަކެއް ރާއްޖެ ގުނަމުންދާއިރު މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ކަމެއް ނޫނެވެ. "މޯލްޑިވްސް" އޭ ބުނުމުންވެސް މިއަދު މުޅި ދުނިޔޭގެ އެންމެންނަށް އެއީ ކޮން ތަނެއްކަން އެނގި ސިފަވެގެންދާނެއެވެ. އެއީ މިސާލެކެވެ. ފަތުރުވެރިކަމާ ބެހޭ ފިލާފަޅުތަކުގައި ދުނިޔޭގެ ޔުނިވަރސިޓީތަކުގައި މިއަދު ރާއްޖޭގެ ވާހަކަ ކިޔަވައިދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ރާއްޖެއަށް އެތައް މިލިއަން ފަތުރުވެރިން އާދެއެވެ. އެކި އުމުރުފުރާގެ މީހުން މި ހިތްގައިމު "ދުނިޔެ މަތީގެ ސުވަރުގޭގައި" އަންނަނީ ޗުއްޓީ ހޭދަކޮށް އުފާކުރަމުންނެވެ. އަހަރުން އަހަރަށް ރާއްޖޭގެ ފަތުރުވެރިކަމުގައި އެކި ބާވަތްތައް އިތުރުކޮށް މިއީ ކޮންމެ ފަންތިއެއްގެ، ކޮންމެ އުމުރެއްގެ، ކޮންމެ ހައިސިއްޔަތެއްގެ މީހަކަށްވެސް ޗުއްޓީ ހޭދަކޮށްލެވޭނެފަދަ މަންޒިލަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި އަމާޒުގެ ދަށުން ކުރަންހުރި މަސައްކަތްތައް ގިނައެވެ. ސަރުކާރުން މިހާރު އަމާޒުހިފާފައިވަނީ ޖިސްމާނީގޮތުން ކުޅޭދޭ މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މިއީ އެކަނިމާއެކަނިވެސް އައިސް ޗުއްޓީ ހޭދަކޮށްލެވޭނެފަދަ ރައްކާތެރި އަމާން ފަސޭހަ މަންޒިލަކަށް ހެދުމަށެވެ. އާދޭ އާދޭ، ލަވައިގައި ބުނާފަދައިން ކޮންމެ މީހަކުވެސް ޖެހިލުންނުވެ އެކަނިވެސް އައިސް ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލަކަށް ރާއްޖެ ހެދުމަށެވެ.

މި މަސައްކަތް މިހާރުވެސް ފަށާފައިވާއިރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކޮށްލެވޭނެފަދަ މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތް މިހަރު ކުރައްވަމުން ގެންދަވާކަމަށެވެ. މިއީ ޓޫރިޒަމް މާސްޓަރ ޕްލޭންގައި ހިމަނުއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

"އަޅުގަނޑުމެން ތަފާތު މާކެޓް ސެގްމަންޓްތަކުގެ ވާހަކަދައްކާއިރު އަޅުގަނޑުމެންމެ މާސްޓަރ ޕްލޭންތަކުގައިވެސް ލިޔެގެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދަން. ބަލާ ދާއިރާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދިވެހިރާއްޖެއަކީ އައިސް ޗުއްޓީހޭދަކޮށްލަން ރަނގަޅު މަންޒިލްއަކަށް ހެދުން. ދިވެހިރާއްޖެއަށް އައިއްސަ ދަތުރުފަތުރާއި މިކަންކަން ކުރުމުގައި އެފަދަ މީހުންނަށް އެކަށީގެންވާ ޚިދުމަތްތައް ލިބޭގޮތައް ހުރި މަންޒިލްއަކަށް ދިވެހިރާއްޖެ ހެދުން." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް އެހެން ޤައުމުތަކަށް ބަލާލާއިރު ޔޫރަޕުގެ ޤައުމުތަކުގައި އެއަރޕޯޓާއި އެނޫންވެސް ތަންތަން އިމާރާތް ޑިޒައިންކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އެކަނިމާއެކަނިވެސް އުޅެވޭނެ ފަދަ ގޮތަކަށެވެ. އެހެންކަމުން ރާއްޖެވެސް މިސްރާބު ޖަހާފައިވަނީ މި ދިމާއަށެވެ. އެމީހުންނަށް އެކަނިވެސް އުޅޭވޭނެފަދަ ގޮތަކަށް ވަސީލަތްތައް ފަހިކުރުމަށެވެ.

މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް މާކެޓް އޮތްކަން މިހާރު ދެނެގަނެވިފައިވާކަމަށެވެ. ނަމަވެސް މިކަމުގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުކުރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ މިމަގަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދަތުރުފަތުރުކުރުމުގެ ތެރޭގައިވެސް އެންމެ ބޮޑު ގޮންޖެހުމަކީ ސީޕްލޭންއެވެ. އެހެންކަމުން މިދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމާއި ކަންކަން ފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް މާކެޓް އޮތްކަމާއި އެމީހުން ދަތުރުކުރަން ބޭނުންކަން ދެނެގަނެވިއްޖެ. ދެން އެއާއިއެއްކޮށް އެންމެ ބޮޑު ޗެލެންޖެއް މިއަންނަނީ އެތެރޭގެ ދަތުރުފަތުރަށް. ވަރަށް ގިނައިން ސީޕްލޭންގައި މި ދަތުރުފަތުރުކުރަނީ. މުޅި އިންފްރާސްޓްރަކްޗަރ ރާވާލައިގެން ކުރިއަށް މިގެންދަނީ. އެންމެ ބޮޑު އަހަންމިއްޔަތުކަމެއް އަޅުގަނޑުމެން މިދެނީ އެމަގު ކަޑައްތުކުރުމަށް. ދެން އިންޑަސްޓްރީ ކޮންމެ ޕްރޮޑަކްޓެއްވެސް ނަގާ ކޮޅަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ. އެހެންވީމަ އިންޑަސްޓްރީ ބޭފުޅުންނަށް އަޅުގަނޑުމެން މައުލޫމާތުދެނީ މި މާކެޓަށް ރެޑީވާންވީނޫހޭ މިއީ ރަނގަޅު މާކެޓެކޭ. މިހާރުވެސް ބައެއް ރަށްރަށުން އެކަންތައް ކުރޭ." ޑރ.މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓްރީން މިހާރު އުންމީދުގައި ތިބީ ޚާއްސަ އެހީއަށް ބޭނުންވާ ފަތުރުވެރިންނަށްވެސް ރާއްޖެއަކީ އެފަދަ 2ވަނައެއް ނެތް މަންޒިލަކަށް ހެދުމަށެވެ. ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިންގެ ފަންތިއަކަށް، ހާލަތަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް މިރީތި ރާއްޖެއިން މަރުހަބާ ކިޔުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ ގެސްޓުންގެ ތެރޭގައި އިވުމުގެ އުނދަގުލެއް ހުންނަ ފަތުރުވެރިން އުޅެދާނެ. ލޮލަށް ފެނުމުގެ އުނދަގުލެއް ހުންނަ ފަތުރުވެރިން އުޅެދާނެ. ހެލިފެލިވުމުގައި އުނދަގުލެއް ހުންނަ ފަތުރުވެރިން އުޅެދާނެ. އެކަމަކު އެއިން ކޮންމެ ފަތުރުވެރިއަކަށްވެސް މިއީ ދިވެހިރާއްޖެ. ރީތި ދިވެހިރާއްޖެ، ނަލަނަލަ ރާއްޖެ، ބަލާލުމުގެ ފުރުސަތު ލިބެންޖެހޭނެ. އެއީ ހަމަ ރަނގަޅު އިކޮނޮމިކް އެކްޓިވިޓީއެއްވެސްމެ. އިންސާނިއްޔަތައް ދެވޭ ރަނގަޅު ޚިދުމަތެއްވެސްމެ. އެހެންވީމަ އަޅުގަނޑުމެން އެދިމާއަށް މިސްރާބުޖަހާފައި މިތިބީ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބައްޓަންވެ ކުރިއަރައިގެން އަންނައިރު ސަރުކާރާއި މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކުންވެސް ބޭނުންވަނީ ރާއްޖެއަކީ ކޮންމެ ފަތުރުވެރިއަކަށްވެސް އައިސް ޗުއްޓީ ހޭދަކޮށްލެވޭނެ ތަނަކަށް ހެދުމަށެވެ. މިއީ މި ދާއިރާއިން ކުރާ މުހިންމު އެއް މަސައްކަތެވެ. އުންމީދަކީ މުސްތަޤްބަލުގައި ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ހުކުޅެދުންތެރިކަން ހުންނަ މީހުންވެސް ޗުއްޓީ ހޭދަކުރަން ބޭނުންވެގެން އެންމެ ފުރަތަމަ ވިސްނުމަށް އަންނާނެ މަންޒިލަކީ ރާއްޖެއަށް ވުމެވެ.