ވިޔަފާރި

" ފޮރިން އިންވެސްޓަރުންނަށް ފަހި ޤައުމަކަށް ރާއްޖެ ހަދާނަން "


ކުރިއަށް އޮތް 5 އަހަރުތެރޭގައި ދެކުނު އޭޝިޔާ ސަރަހައްދުގައި އިންވެސްޓަރުންނަށް، އެބޭފުޅުންގެ ވިޔަފާރިތައް ކުރިއެރުވުމުގައި އެންމެ ފަހި މާހައުލެއް ޤާއުމުކޮށްފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހައްދަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓާއި، އޮޓޯ-ގޭޓުގެ ޚިދުމަށް ތަޢާރަފުކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށާއި އިންވެސްޓްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް، އެފަދަ ފުރުސަތުތައް އެންމެ ފަހިކޮށްދޭނެ މުޢައްސަސާތައް ހުރި، އަދި ވިޔަފާރިތަކަށް އެ ފަރާތްތަކުން ބޭނުންވާ ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދޭނެ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހެދުމަށް ރައީސް ޔާމިންގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ އާއި ޗައިނާގެ އިތުރުން ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތް ފަދަ އިޤްތިޞާދީގޮތުން ކުރިއަރަމުން އަންނަ ޤައުމުތަކާއެކު ގާތްގުޅުމެއް އުފެދިފައިވާކަމަށެވެ.އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުގެ ކޮންމެ ދުވަހަކީވެސް، ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށްލުމަށްޓަކައި ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި ގުޅުވައިގެން ތަރައްޤީގެ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދުވަހެއްކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ލީޑަރޝިޕާއެކު އެންމެ 2 އަހަރު ތެރޭގައި ދަޢުލަތުގެ އެއްވެސް މުދަލެއް ވިއްކާނުލައި، ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ކުރީގެ ސަރުކާރުތަކުން ނަންގަވާފައިވާ ދަރަނިތަކުގެ ތެރެއިން ފައިސާދައްކަންޖެހޭ އެއްވެސް ބިލެއް މިހާރު ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ދަރަނިކުޑަވެ، އިންފްލޭޝަން ރޭޓް ކޮންޓްރޯލް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދަޢުލަތުގެ ރަސްމީ ރިޒާވް އެތައް ގުނައެއް އިތުރުކުރެވިފައިވާ ކަމަށާއި، އެކަން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރެއްވުމާއި، ބްރިޖުގެ މަޝްރޫޢު އަދި ޕޯޓް ތަރައްޤީކުރެވުން ފަދަ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އިޤްތިޞާދީގޮތުން ހެޔޮ ބަދަލުތަކެއް ޤައުމަށް ގެނެވިގެންދާނެކަމަށެވެ. އަދި އިޤްތިޞާދީ މި ހެޔޮ ބަދަލުތަކާއެކު މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފޮރިން އިންވެސްޓަރުންނަށް އެންމެ ފަހި މާހައުލެއް ޤާއިމުކޮށްފައިވާ ޤައުމަކަށް ރާއްޖެވެގެންދާނެކަމަށްވެސް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.