ވިޔަފާރި

ރަން އަހަރު: ޗައިނާގެ ފަތުރުވެރިން ފެންނާނެ ކަމުގެ އުންމީދުގައި


ކޯވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓަކީ ޗައިނާއެވެ. ނަމަވެސް ކޯވިޑް-19 އާއިއެކު އެ ޤައުމުގައި އެޅި ދަތުރުކުރުމުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޗައިނާގެ ފަތުރުވެރިން މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައެއްނުވެއެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ޤައުމަކަށް ވާއިރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މި ރަންޔޫބީލް އަހަރު ޗައިނާ ފަތުރުވެރިން ރާއްޖެ ނައިސް ނިންމާލުމަކީ ފަޅުކަމަކަށްވާނެއެވެ.

ދުނިޔޭގެ ބައެއް އެހެން ޤައުމުތައް ހުޅުވާލާ ފަތުރުވެރިން އަންނަން ފެށިނަމަވެސް އަދިވެސް ޗައިނާ މާކެޓް އޮތީ އޮތްގޮތަށެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތައް ކޯވިޑް-19 އަށްފަހު މިހާރު ފެންނަނީ ވަރަށް ރަނގަޅަށްކަމަށެވެ. ނަމަވެސް އަދިވެސް ޗައިނާގެ ޚަބަރެއް ނުވާކަމަށާއި އުންމީދު ކުރަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ނިންމާލުމުގެ ކުރިން ޗައިނާގެ ފަތުރުވެރިން ކޮންމެވެސް ވަރަކަށް ރާއްޖެ އައިސްދާނެކަމަށެވެ. އެގޮތުން އަހަރުގެ ފަހު ކުއާޓަރގައި ނަމަވެސް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް އުންމީދު ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޗައިނާގައި އެބަތިބި ރާއްޖެ އަންނަހިތުން ނިދި ނައިއްސަ ހުވަފެނުގައި ރާއްޖެ ބަލާ އެތައް ބައެއް. ޗައިނާއިން ބޭރުވުމަށްފަހުގައި ގޮއްސަ ކަރަންޓީންވާން ޖެހުމާއި މިކަންތައްތަކާއި ހެދި އެވެރިންނަށް ދަތުރުކުރެވެން ނެތީ އަސްލު. ބޮޑުކޮށް ޑިމާންޑް އެބައޮތް. އެމީހުން އަންނަހިތްވޭ. ޗައިނާގެ ވިޔަފާރިވެރިންވެސް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުންވެސް އެކަންތައް ކުރަން އެހެރީ. އަނެއްކާ ދިވެހި ޓޫރިޒަމަށް ޗައިނާ މާކެޓަކީ އައު މާކެޓެއް ނޫނެއްނޫންތޯ. ނަންބަރ 1 ގައި ކިތައް އަހަރުތޯ ހޭދަކޮށްލީ. ބޮޑު ޕަސެންޓޭޖަކުން. %35 ވެސް ހިއްސާކުރި އެއް އަހަރަކު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޗައިނާ ފަތުރުވެރިން ތިބީ ރާއްޖެ އަންނަހިތުން ކެތްމަދުވެފައިކަމަށެވެ. ޗައިނާ ސަރުކާރުން ކޯވިޑް ލުއިތައްދީ ދަތުރުތައް ފެށުމާއިއެކު އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖެއަށް އެންމެ އުންމީދީ މާކެޓެއްގެ ގޮތުގައި މިވަގުތު އޮތީ އެމެރިކާ ކަމަށެވެ. ޖަޕާން، ކޮރެއާ ފަދަ ޤައުމުތަކުންވެސް މިހާރު ވަނީ ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައެވެ. 50 އަހަރު ފަހުން ރާއްޖެއަށް އެންމެ ގިނަ ފަރުތުވެރިން އައި މާކެޓަކަށް އިނގިރޭސިވިލާތްވެސް ދާދިފަހުންވަނީ ފާހަގަވެފައެވެ.

މިވަގުތު އެންމެ ވާދަވެރި 3 މާކެޓްގެ ގޮތުގައި އޮތީ އިންޑިއާ، އިނގިރޭސިވިލާތް އަދި ރަޝިއާއެވެ. ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރާގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އަންނާނެއެވެ. މިހާތަނަށް ރާއްޖެ އައިސްފައިވަނީ 729،010 ފަތުރުވެރިންނެވެ.