ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ ސައިޓްތަކުގައި މަސައްކަތްކުރުމަށް 100 މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މިއީ އާރްޑީސީގެ މަޝްރޫޢުތައް ކުރިއަށްގެންދާ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ނަގާ މުވައްޒަފުންނެވެ.
އާރްޑީސީން ހުޅުވާލާފައިވާ ވަޒީފާގެ ފުރުޞަތުގައި، މުސާރައާއި އިނާޔަތް އަދި އިތުރު ގަޑީގެ ފައިސާއާއެކު 10،500 ރުފިޔާ މުސާރައިގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ ކޮންޓްރެކްޓް ވަޒީފާގެ ގޮތުގައެވެ. އާރްޑީސީން ބުނެފައިވަނީ ސިއްޙަތު ރަނގަޅު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި އަސާސީ ތަޢުލީމު ހުރި މީހުންނަށް ވަޒީފާއަށް އެދި ކުރިމަތިލެވޭނެކަމަށެވެ.
މުވައްޒަފުންގެ މަސައްކަތުގެ ތެރޭގައި އާރްޑީސީގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރުމާއި، މެޓީރިއަލް ސަޕްލައި ކުރުމާއި މެޝިނަރީ ބެލެހެއްޓުންފަދަ ލޭބަރ މަސައްކަތްތައް ހިމެނެއެވެ. މިވަޒީފާތަކަށް އެދޭ މީހުން، މިމަހުގެ 13ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އާރްޑީސީއަށް ފޯމް ހުށައަޅަން ޖެހޭނެއެވެ. އަދި އިންޓަވިއުވެސް މިމަހު އޮންނާނެ ކަމަށް އާރްޑީސީން ބުނެއެވެ.
JOIN OUR TEAM! https://t.co/a2sKIH7G46 pic.twitter.com/wXwhHuNUo1
— Road Development Corporation Ltd (@rdcmaldives) June 7, 2022
އާރްޑީސީގައި މިވަގުތުވެސް މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ދިވެހިންނެވެ. އެގޮތުން ކުނފުނީގެ %85 މުވައްޒަފުންނަކީ މުޅިންވެސް ދިވެހި މުވައްޒަފުންނެވެ. އާރްޑީސީން އަމާޒުހިފާފައިވަނީ ކުންފުނީގެ %100 މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމަށެވެ.
އެކުންފުނީގެ ޕްރޮޖެކްޓްތައް ކުރިއަށްދާ އަތޮޅުތަކުގެ ރަށްރަށުގައި މިހާރުވެސް ގިނައިން މަސައްކަތްކުރަނީ، އެ ރަށްރަށުން މުވައްޒަފުން ނަގައިގެންނެވެ. އާރްޑީސީގެ ސައިޓްތަކުގައި އަންހެން މުވައްޒަފުންވެސް މަސައްކަތް ކުރެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ހަވާލުކޮށް ކުރިއަށްގެންދަނީ އާރްޑީސީންނެވެ. މާލޭގެ މަގުތަކުގައި ތާރުއަޅައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓްވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ. އަދި އަތޮޅުތަކުގެވެސް ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތްވެސް އާރްޑީސީން ދަނީ ކުރަމުންނެވެ.