ރިޕޯޓް

ބަޔޯމެޓްރިކް ޕާސްޕޯޓް: ސަލާމަތީގޮތުން ވަރުގަދަ ޕާސްޕޯޓެއް


ބަޔޯމެޓްރިކް ޓެކްނޮލޮޖީއަކީ ޕާސްޕޯޓުގައި ހިމެނޭ، ޕާސްޕޯޓުގެ ވެރިފަރާތުގެ ސިފަތައް ކެމެރާއާއި ސްކޭނަރުގެ އެހީގައި ވަގުތުން އަޅާކިޔައި، އޭގެ ސައްޙަކަން ކަށަވަރުކޮށްދޭ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއެކެވެ. ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓުގެ ސަލާމަތީ މަސައްކަތްކޮށްފައި ވަނީ ދުނިޔޭގައި ބަޔޯމެޓްރިކް ޓެކްނޮލޮޖީން އެންމެ ކުރީގައި އުޅޭ ޖަރުމަނުވިލާތުގެ ކުންފުންޏެއްކަމަށްވާ "ޑަރމަލޮގް އައިޑެންޓިޓީ ސޮލިއުޝަން"ގެ ފަރާތުންނެވެ. މި ކުންފުންޏަކީ 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޕާސްޕޯޓާއި އަދިވެސް ސަލާމަތީގޮތުން ބޭނުންވާނެފަދަ އެކިކަހަލަ ޙިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އަދި ބަޔޯމެޓްރިކްގެ ދާއިރާއިން ޑަރމަލޮގްއަކީ ދުނިޔޭގެ ލީޑިން ކުންފުންޏެވެ. ދިވެހި އާ ޕާސްޕޯޓު ފަރުމާކޮށްފައިވަނީ އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ ކޮމިޓީއެއްގެ ލަފާގެ ދަށުންނެވެ. މި ޕާސްޕޯޓުގެ އެތެރޭގައި ހިމެނޭ ކުރެހުންތަކުގެ އަސްލު ފަރުމާކޮށްފައިވަނީ މި ފަންނުގައި ފާހަގަކޮށްލެވޭ ފަރާތެއްކަމަށްވާ ހުސެއިން އަލިމަނިކެވެ. އާ ޕާސްޕޯޓުގައި ހިމެނޭ ކުރެހުންތަކަކީ ދިވެހިންގެ ދިވެހިވަންތަކަން ދައްކުވައިދޭ ކޮންސެޕްޓްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ވަރަށްވެސް ހިތްގައިމު ކުރެހުންތަކެކެވެ.މި ޕާސްޕޯޓުގައި 34 ސަލާމަތީ ސިފަތަކެއް އެކުލެވިގެންވެއެވެ. މި ސަލާމަތީ ސިފަތައް ޕާސްޕޯޓުގެ 54 ތަނެއްގައި ވަނީ ހިމަނާފައިވެއެވެ. ޕާސްޕޯޓު ފޮޓޯއަށް ބަދަލެއް ގެނައުމުން ރައްކާތެރިކުރުމަށްޓަކައ ފޮޓޯގެ ތިރީކައިރީގައި ހޮލޯގްރާމްއަކާއި، އަދި ފޮޓޯގެ މަތީ ކައިރީގައި "ލޭޒަން އެންގްރޭވްޑް ސްޕައިރަލް ބްރައިޓްއަޕް ރިޕަބްލިކް އޮފް މޯލްޑިވްސް" ވަނީ ލިޔެފައެވެ. އަދި ޑޭޓާ ޕޭޖްގެ ކަނާތްފަރާތުގައި "މަލްޓިޕްލް ލެޔަރ އިމޭޖް" އެމް.އެލް.އައި ހިމަނާފައިވެއެވެ. މީގާއި ޕާސްޕޯޓުގެ ވެރިފަރާތުގެ ފޮޓޯ އަދި އުފަން ތާރީޚް ހިމެނެއެވެ. އެމް.އެލް.އައި ޓެކްނޮލޮޖީއަކީ ނަކަލުކުރަން އުނދަގޫ ސަލާމަތީ ސިފައެކެވެ.މީގެ އިތުރުންވެސް ޑޭޓާ ޕޭޖުގައި "ރެއިންބޯ ޕްރިންޓިންގ"، ޔޫ.ވީ ސިފަތައް އަދި މިނޫންވެސް އިތުރު ސަލާމަތީ ސިފަތައް ހިމަނާފައިވެއެވެ. އަދި ޕާސްޕޯޓުގެ ވިސާ ޕޭޖުގައި ވޮޓަރމާކްގެ އިތުރުން ތަފާތު "ސެކިއުރިޓީ ޕްރިންޓިންގ ޓެކްނީކްސް" ވަނީ ބޭނުންކޮށްފައެވެ. މިގޮތުން "ސެކިއުރިޓީ ތްރެޑް" އަދި "ޔޫވީ ރިއެކްޓިވް ބައިންޑިންގ ތްރޭޑް" ހިމެނެއެވެ. ޕާސްޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ޑޭޓާ ޕޭޖް ތައްޔާރުކޮށްފައިވަނީ ޕޮލިކަރބަންއިންނެވެ. ޕޮލިކަރބަން ޑޭޓާ ޕޭޖަކީ ފޯޖުކުރިއަށް ނުދިނުމުގެ ގޮތުން ޕާސްޕޯޓާއި، އައި.ޑީ.ކާޑު ފަދަ މުހިއްމު ލިޔެކިޔުންތަކުގައި ބޭނުންކުރާ މެޓީރިއަލެކެވެ. މި މެޓީރިއަލް ބޭނުންކޮށްގެން ތައްޔާރުކުރާ ޑޭޓާޕޭޖުގައި ތަފާތު ފަށަލަތަކެއް އެކުލެވިގެންވެއެވެ. މި ފަށަލަތައް ރައްކާތެރިކުރުމުގެ ގޮތުން ޕާސްޕޯޓުގައިވާ ތަފާތު ފަށަލަތައް ހޫނުކޮށް ޕްރެޝަރގައި ފިއްތާލައިގެން އެކަތިގަނޑެއްގެ ގޮތުގައި އެކޮށްލާފައިވެއެވެ. މީގެ ސަބަބުން ޕާސްޕޯޓުގައިވާ ފޮޓޯއާއި، ހޮލޯގްރާމް ލިޔެކިޔުން އަދި ސަލާމަތީ ސިފަތަކާއި ކުޅުމަށް ފަސޭހަނުވާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައެވެ. އަދި ދިވެހި ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ޕޮލިކާރބަންއިން ތައްޔާރުކޮށްފައިވުމަކީ، ދިވެހި ޕާސްޕޯޓަށް ބޭރުގެ ޤައުމުތަކުން ކުރާ އިތުބާރު މިހާރަށްވުރެ އިތުރުވެގެންދާނެ ސަބަބެއްކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.