ޚަބަރު

"ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް" އަދި އޮޓޯގޭޓް އިފްތިތާޙުކޮށްފި


ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ "ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް" އަދި އޮޓޯ-ގޭޓްގެ ޚިދުމަތް އިފްތިތާޙުކުރައްވައިފިއެވެ.  

އައު ޕާސްޕޯޓާއި، އޮޓޯ-ގޭޓްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ބަޔޯމެޓްރިކް ޓެކްނޮލޮޖީއަކީ ޕާސްޕޯޓުގައި ހިމެނޭ، ޕާސްޕޯޓުގެ ވެރިފަރާތުގެ ސިފަތައް ކެމެރާއާއި ސްކޭނަރުގެ އެހީގައި ވަގުތުން އަޅާކިޔައި، އޭގެ ސައްޙަކަން ކަށަވަރުކޮށްދޭ އެންމެ ޒަމާނީ ސަލާމަތީ ޓެކްނޮލޮޖީއެވެ. 

ބަޔޯމެޓްރިކް ރާއްޖެއަށް އަލަށް ތަޢާރަފުކުރި ބަޔޯމެޓްރިކް ޕާސްޕޯޓު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް ފަރުމާކުރެއްވި ފަރާތަށާއި، ޕާސްޕޯޓުގެ ސަލާމަތީ މަސައްކަތް ކުރެއްވި ފަރާތަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. 

ބަޔޯމެޓްރިކް ޕާސްޕޯޓަކީ، ދުނިޔޭގެ އޭވިއޭޝަން ސެކިއުރިޓީގެ ކަންތައްތަކާއި ބެހޭ އިދާރާ، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއިން ކަނޑައަޅުއްވާފައިވާ އެންމެ ފަހުގެ ސްޓެންޑެޑަށް ފަރުމާކޮށްފައިވާ ޕާސްޕޯޓެކެވެ. މި ޕާސްޕޯޓުން ފެނިގެންދާ އެންމެ ބޮޑު އެއް ތަފާތަކީ ޕާސްޕޯޓުގެ ޑޭޓާ ޕޭޖަށް ގެނެސްފައިވާ ބަދަލު. ޑޭޓާ ޕޭޖް ފަރުމާކޮށްފައިވަނީ ޕޮލިކަރބަން ބޭނުންކޮށްގެނެވެ. މީގެ ސަބަބުން ފެންޖެހުމުން ފާސްޕޯޓުގައި ހުންނަ ފޮޓޯއާއި ލިޔުންތައް ފޭދިގެން ދިޔުންފަދަ މައްސަލަތައް ކުރިމަތިނުވާނެކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ. އާ ޕާސްޕޯޓުން ފެނިގެންދާ އަނެއް ބަދަލަކީ ޕާސްޕޯޓުގެ ބޭރު ކަވަރުގެ ކުލައަށް ގެނެސްފައިވާ ބަދަލެވެ. އާންމުކޮށް ބޭނުންކުރާ ގަދަ ނޫކުލައިގެ ޕާސްޕޯޓް މިހާރު ވަނީ ރަތްކުލައަށް ބަދަލުކޮށްފައެވެ. އަދި ކުރިން ރަތް ކުލައިގައި އޮތް ޑިޕްލޮޕެޓިކް ޕާސްޕޯޓް ވަނީ ކަޅުކުލައަށް ބަދަލުކޮށްފައެވެ. އޮފިޝަލް ޕާސްޕޯޓްގެ ކުލަ އަކީ ނޫކުލަ. އިމަރޖެންސީ ޕާސްޕޯޓްގެ ކުލައަކީ އަޅި ކުލައެވެ. 



އާ ޕާސްޕޯޓު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވީ، އާ ޕާސްޕޯޓްގައި 34 ސެކިއުރިޓީ ފީޗަރ ހިމެނިފައިވާނެކަމަށެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ އެންމެފަހުގެ ސަލާމަތީ ސިފަތަކާއެކު ފަރުމާކޮށްފައިވާ ޕާސްޕޯޓެއްކަމަށްވެސް އަންވަރު ފާހަގަކުރެއްވިއެވެ.  

އަލަށް ތަޢާރަފުކުރެއްވި ޕާސްޕޯޓާއެކު، ޕާސްޕޯޓް ހެއްދުމުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކުރިން ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށްވެސް ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން ކުރީގެ ޕާސްޕޯޓް ބޭނުންކުރެވިގެންދާނެއެވެ. 



މި ރަސްމިއްޔާތުގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފައިވާ އޮޓޯ-ގޭޓްގެ ޚިދުމަތްވެސް ރައީސް ޔާމިން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ ދެކުނު އޭޝިޔާ ސަރަހައްދުގައި ޤާއިމްކުރި މިފަދަ ފުރަތަމަ ނިޒާމް.  އޮޓޯ-ގޭޓްގެ ޚިދުމަތަކީ ފަސިންޖަރުން ޕާސްޕޯޓްގައި ތައްގަނޑުޖަހަން އިމިގްރޭޝަން ކައުންޓަރުގައި މަޑުނުކޮށް، ޕާސްޕޯޓާއި ބޯޑިން ކާޑު ސްކޭންކުރުމަށްފަހު އިނގިލީގެ ނިޝާން އޮޓޯ-ގޭޓްގައި ޖައްސާގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް މިވަގުތު ދެމުންދާނީ ހަމައެކަނި ދިވެހިންނަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކޮށް، އިމިގްރޭޝަންގެ އާ ލޯގޯއާއި، ޔުނިފޯރމް މި ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ.