ޚަބަރު

އިމްރާނުގެ މައްސަލައިގައި ޝަރީއަތުގެ ފަރާތުން މީހަކު ޙާޟިކުރަނީ


ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ
ގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާގެ
އަޑުއެހުމަށް ޝަރީޢަތުގެ ފަރާތުން މީހަކު ޙާޟިކުރުމަށް ކުރިމިނަލް ކޯޓުން
ނިންމަވައިފިއެވެ.



މި މައްސަލާގައި މިއަދު ބޭއްވެވި
އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޝަރީޢަތުގެ ބޭނުމަށް ދެން އޮންނަ
އަޑުއެހުމަކަށް މީހަކު ޙާޟިކުރައްވާނެކަމަށެވެ. އެހެންނަމަވެސް އެއީ ކާކުކަމެއް
ގާޒީ ވިދާޅެއްނުވެއެވެ. ޝަރީޢަތުގެ ފަރާތުން ޙާޟިރުކުރައްވާ މީހާއާ ދެ
ފަރާތުންވެސް ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.




އިމްރާނާ ދެކޮޅަށް ދައުލަތުން
އުފުއްލަވާފައިވާ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށައެޅުއްވި
ސިއްރު ހެއްކެތްގެ ހެކި ބަސް ނެންގެވުން ކުރިއަށްދިޔައެވެ. ހެކިބަސް ދެމުން އެމީހާ
ބުނީ އެދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ހިނގީ އިމްރާން ދެއްކެވި ވާހަކަތަކުގެ
ސަބަބުންކަމަށް ގަބޫލްކުރާކަމަށެވެ. އެހެންމަވެސް ފުލުސްމީހާއަށް ހަމަލާދިނުމާއި
މުޒާހަރާގައި ބޭނުންކުރި ޕިކަޕް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ
ސަރަހައްދަށް ވަނީ ސީދާ އިމްރާން އަންގަވައިގެންކަމަށް ބުނަން ނޭގޭކަމަށް
ހެކިވެރިޔާ ބުނެފައިވެއެވެ.



މި މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް
ދެއްވުމަށް އިމްރާންގެ ފަރާތްޕުޅުން ކުރިމިނަލްކޯޓާއި ސުޕްރީމްކޯޓްގައި
އެދިވަޑައިގެންފައިވެއެވެ.