ޚަބަރު

ޢީދަށް މާފުއްޓަށް "ވޯޓަރ ޕާކް"އެއް


ބޮޑު ޢީދު ފެށެން މަހަކަށް ވެފައިވާއިރު، ރަށްރަށުން މިހާރުވެސް ވަނީ ބޮޑު ޢީދުގެ ތައްޔާރިތައް ވާން ފަށާފައެވެ. ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމުގެ ތައްޔާރީތަކާއި ކޭންތައް ބޭއްވުމާއި، ސަޤާފީ ކުޅިވަރުތަކާއި، ފެންޖެހުމުގެ ޙަރަކާތްތަކުން ފެށިގެން ކުޅިވަރު ފެސްޓިވަލްތަކާއި ޢީދު ޝޯވތަކުގެ ތައްޔާރީތައްވެސް ވަނީ ވާން ފަށާފައެވެ.

އަތޮޅުތަކުގެ ރަށްތަކުގައި ކުލަގަދަކޮށް ޢީދު ފާހަގަކުރާއިރު، މާލެ ސަރަޙައްދުން މި ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހަކާ ޖެހެންދެންވެސް މާބޮޑަކަށް ލިބެމުން ނުދެއެވެ. ނަމަވެސް ޢީދުގެ ފޯރި މިހާރު ރާއްޖޭގެ އެހެން ހިސާބުތަކޭ އެއްގޮތަށް، އެއަށްވުރެވެސް ކުލަ ގަދަކޮށް މާލެ ސަރަޙައްދުގައި ދަނީ ކުރިއަށެވެ.

މި ސަރަޙައްދުން މާފުއްޓަކީ ޢީދު ޗުއްޓީއަށް ޖައްސާލަން އެންމެ ރަނގަޅު ރަށެވެ. ކުޑަ ޢީދުވެސް ގިނަ ހަރަކާތްތަކާއެކު ފާހަގަކޮށް ނިންމާލިގޮތަށް، މާފުށިން މިހާރުވަނީ ބޮޑު ޢީދަށް ތައްޔާރުވާން ފަށާފައެވެ. މާފުށީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ޢީދެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ރަށުގެ ރައްޔިތުންނާއި، ޢީދަށް ރަށަށް ޒިޔާރަތްކުރާ މީހުންނާއި އަދި ރަށަށް އަންނަ ފަތުރުވެރިންނަށް ދިނުމަށެވެ.

މިފަހަރުގެ ޢީދަށް މާފުށީ ކައުންސިލުން ރަށަށް ގެނެސްދެނީ "ވޯޓަރ ޕާކް"އެކެވެ. ބައެއް ރިސޯޓްތަކުގައި މި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބުނަސް، މީހުން ދިރިއުޅޭ މަދު ރަށަކުން ނޫނީ މި ތަޖުރިބާގެ ފުރުޞަތު މީގަ ކުރިން ލިބިފައި ނުވެއެވެ.

ޢީދަށް ޚާއްސަކޮށްގެން ހަދާ ވޯޓަރ ޕާކު ހަދާނީ، ރަށުގެ ކުޑަކުދިންގެ ޕާކާ ދިމާއިން މޫދުގައެވެ. މި ފްލޯޓިން ޕާކުގެ ކުޅިވަރުތައް މާފުށީގައި 3 ދުވަހަށް ކުރިއަށް ގެންދާނެއެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުންކުރެވޭ މި ފްލޯޓިން ސްޓްރަކްޗަރ އަކީ 4500 އަކަފޫޓުގެ ބޮޑު ޕާކެކެވެ.

އެގޮތުން ޢީދުގެ ފުރަތަމަ 3 ދުވަހު ހެނދުނު 08:00އިން ފެށިގެން 16:00އާއި ހަމައަށް ޕާކު ހުޅުވާފައި ހުންނާނެއެވެ. އަދި މިވަގުތުތަކުގައި ޕާކުގައި އުޅޭ މީހުންނަށް އެހީވުމަށް ލައިފް ގަރޑް ޚިދުމަތްވެސް ދޭނެއެވެ.

މީގެ އިތުރުންވެސް ޢީދުގެ ފޯރި ގަދަކުރުމަށް މާފުށީގައި ގިނަ ކުޅިވަރުތަކެއް ވަނީ ރާވާފައެވެ.

މާފުއްޓަކީ ރާއްޖޭގައި ލޯކަލް ޓުއަރިޒަމް އެންމެ ބޮޑަށް ފުޅާވެފައިވާ އެއް ރަށެވެ. ރަށުގައި ގެސްޓް ހައުސް ވިޔަފާރީގައި 1600އަށްވުރެ ގިނަ އެނދު ހުރިއިރު، މިހާރުވެސް ޢީދަށް މާފުއްޓަށް ދިއުމަށް ގިނަ ބަޔަކު ދަނީ ބުކިން ހައްދަމުންނެވެ.

ޢީދާ ދިމާކޮށް ފަސޭހައިން މާފުއްޓަށް ދަތުރުކުރެވޭގޮތަށް، އަދި މާފުށިން މާލެއަށް ދަތުރުކުރެވޭގޮތަށް ހުރިހާ ވަގުތެއްގައިވެސް ފެރީ އޮންނާނެކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.