ކުޅިވަރު

އީގަލްސް ބަލިކޮށް ވެލެންސިއާ ސެމީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުލަބު އީގަލްސް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ކުލަބު ވެލެންސިއާ ދަތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވެލެންސިއާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް އީގަލްސްގެ ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ. އަދި ވެލެންސިއާގެ ކެޕްޓަން މުޙައްމަދު ޖޫދު އަޝްފާގަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ވެލެންސިއާއިން އީގަލްސްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 64 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމްދާން އަޒްލީންއެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ގްރޫޕް ބީގައި ތިން ޓީމެއް އޮތްއިރު، ވެލެންސިއާއިން ވަނީ ފުރަތަމަ މެޗުގައި ދަ ގްރާންޑޭގެ މައްޗަށް 10-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ.

ވެލެންސިއާގެ އިތުރުން ދެ މެޗު ކާމިޔާބުކޮށް މި މުބާރާތުގެ ސެމީ ފައިނަލުން ދެން ޖާގަ ހޯދައިފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބެވެ. ހަތަރު ޓީމު ވާދަކުރާ ގްރޫޕް އޭގެ އެއްވަނައިގައި ޓީސީން އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ.