މުސާރައިގެ މައްސަލަތަކާއެކު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލިއިރު، ދަރަނީގެ މައްސަލަ ހައްލުކުރުމުން ކޮންގްރެސްއަކަށް ނުގޮސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ހޯމަ ދުވަހު ހަވީރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ މެޖޯރިޓީންނެވެ.
މިދިޔަ ދެ އަހަރު އެފްއޭއެމް ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުން ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޝަން ދަމަހައްޓާފައެވެ. އެކަމަކު ހޯމަ ދުވަހު ބޭއްވި ކޮންގްރެސްގައި ކުލަބުތަކުން ނިންމީ ވިކްޓަރީ އެ ޓީމުގެ ދަރަނި ދައްކައިފައިވާތީ ސަސްޕެންޝަން އުވާލުމަށެވެ. މީގެ އިތުރުން ނިއު ރޭޑިއަންޓުން އެ ކުލަބުގެ ދަރަނި ދެއްކުމުން، އެފްއޭއެމުގެ ހިންގާ ކޮމެޓީން އެ ކުލަބުގެ ސަސްޕެންޝަން އުވާލުމަށްވެސް ވަނީ ނިންމާފައެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ރޭޑިއަންޓް ސަސްޕެންޑުކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ނިއު ރޭޑިއަންޓް އޭރު ސަސްޕެންޑުކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިޔަން ރުފިޔާ ނުދީ އޮތުމުންނެވެ. މައުލޫމާތު ލިބޭ ގޮތުަގައި ނިއު ރޭޑިއަންޓުގެ މިހާރުގެ ދަރަނި އުޅެނީ ފަސް މިލިޔަނުން މަތީގައެވެ.
އަދި މީގެ ކުރިން އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑުކުރީ ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދިނުމަށާއި، ކުލަބު ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ވިކްޓަރީގެ ބޯޑާއި މިދިޔަ އޭޕްރީލް މަހު ހަވާލުވެފައިވަނީ މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން އާދަމް (އާދަމްބެ) އެވެ. އަދި އައު ބޯޑުން ވަނީ ކުލަބުގެ ދަރަނި އެފްއޭއެމް މެދުވެރިކޮށް ދައްކާފައެވެ.
މީގެ އިތުރުން ހޯމަ ދުވަހު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައި ވަނީ އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ގޮތުގައި 80 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އެފްއޭއެމުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އެ އިދާރާގެ ޚަރަދުގެ ގޮތުގައި 88 މިލިޔަން ރުފިޔާ އަރާނެއެވެ.