ޚަބަރު

އައު ޕާސްޕޯޓް މިރޭ ތަޢާރަފް ކުރަނީ


އަލަށް ތަޢާރަފްކުރައްވާ ބަޔޮމެޓްރިކް ޕާސްޕޯޓް ރަސްމީގޮތުން މިރޭ ތަޢާރަފުކުރައްވާނެއެވެ.ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކަކާއިއެކު ފެންވަރު ރަނގަޅުކޮށް ތައްޔާރުކޮށްފައިވާ މި ޕާސްޕޯޓް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ހޮޓެލް ޖެންގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.މި ޕާސްޕޯޓުން ފެނިގެންދާނެ އެންމެ ބޮޑު އެއް ތަފާތަކީ ޕާސްޕޯޓުގެ ޑޭޓާ ޕޭޖަށް ގެންނަވާފައިވާ ބަދަލެވެ. އާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ފަރުމާކުރައްވާފައިވަނީ "ޕޮލީކަރބަން" ބޭނުންކުރައްވައިގެންނެވެ. އެހެންކަމުން ފެންޖެހުމުން ފާސްޕޯޓުގައި ހުންނަ ފޮޓޯއާއި ލިޔުންތައް ފޭދިގެން ދިޔުންފަދަ މައްސަލަތައް ކުރިމަތިނުވާނެކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވިދާޅުވެއެވެ.އަލަށް ތަޢާރަފުކުރައްވާ ޕާސްޕޯޓާއެކު، ޕާސްޕޯޓް ހެއްދުމުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، ކުރިން ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށްވެސް ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން ކުރީގެ ޕާސްޕޯޓް ބޭނުންކުރެއްވޭނެ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރައްވައެވެ.އައު ޕާސްޕޯޓާއެކު އެއަރޕޯޓްގައި، އީ- ގޭޓްގެ ޚިދުމަތްވެސް މިރޭ ތަޢާރަފް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ތަޢާރަފްކުރައްވާ އީ-ގޭޓްގެ ޚިދުމަތާއެކު ފަސިންޖަރުން ޕާސްޕޯޓްގައި ތައްގަނޑު ޖަހަން އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރާކަށް ނުޖެހޭނެއެވެ.އީ-ގޭޓްގައި ޕާސްޕޯޓާއި ބޯޑިން ކާޑު ސްކޭންކުރުމަށްފަހު އިނގިލީގެ ނިޝާން ނަގަންޖެހޭނެއެވެ. އެއާއެކު ގޭޓް ހުޅުވިގެންދާނީ ފަސިންޖަރުގެ މަޢުލޫމާތުތައް މެޝިންގެ އެހީގައި ކަށަވަރުކުރުމަށްފަހުގައިކަމަށެވެ. މި ޚިދުމަތް ފުރަތަމަ ދެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިންނަށެވެ. މި ޚިދުމަތް ފެއްޓެވުމަށް ޑިޕާޗަރ ގޭޓްގައި އެއް އީ-ގޭޓް އަދި އެރައިވަލްގައި ގޭޓްގައި ދެ އީ-ގޭޓް ހަރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.