ޚަބަރު

މަހާސިންތާއަށް މިއަދު 3 މުޢައްސަސާއަކުން ކަރުދާސް ހުށަހަޅައިފި


މަދަނީ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މިއަދު ތިން މުޢައްސަސާއަކުން ކަރުދާސް ހުށައަޅުއްވައިފިއެވެ.ދަރުބާރުގައި ކުރިއަށް ގެންދަވާ ޤައުމީ މަހާސިންތާގައި ކަރުދާސް ހުށައަޅާފައިވާ ތިން މުއައްސަސާއަކީ މޯލްޑިވްސް އިންލެންޑް އެންޑް ރެވެނިއު އޮތޯރިޓީ، އިކޮނޮމިކް މިނިސްޓްރީ އަދި މަޓާޓޯގެ ފަރާތުންނެވެ.ހޯމް މިނިސްޓްރީން ވިދާޅުވީ މިއަދުގެ ފޯރަމްގައި މަޝްވަރާކުރަމުން ގެންދަވަނީ މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި މާލީ ގޮތުންނާއި، ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، މިކަންކަން ޙައްލުކުރުމަށް އެޅިދާނޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ ދައުރާއި، ޤައުމީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ޖަމްޢިއްޔާތަކާއި ދައުލަތުން ގުޅިގެން ކުރެވިދާނޭ ކަންތައްތައް ހިމެނޭކަމަށެވެ.ދެ ދުވަހަށް ކުރިއަށް ގެންދާ މި މަހާސިންތާގައި 104 ޖަމްޢިއްޔާއަކުން ބޭފުޅުން ބައިވެރިވެއެވެ. މިއީ ޖަމްޢިއްޔާތަކަށް އަމާޒުކުރައްވައި، ބާއްވަވާ މިފަދަ 3 ވަނަ ފޯރަމެވެ.