ޚަބަރު

އިޢާދަކުރަނިވި ހަކަތައިގެ އިތުރު ޕްރޮޖެކްޓެއް ހުޅުމާލޭގައި ފަށަނީ


އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށްޓަކައި ހުޅުމާލޭގައި 1.5 މެގަވޯޓްގެ ޕްރޮޖެކްޓެއް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރައޫފް ވިދާޅުވީ، އެ ޕްރޮޖެކްޓް ދެ މަސްދުވަހުގެ ތެރޭގައި ފެށިގެންދާއިރު އަދިވެސް އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދޭނެ ގޮތް އެ ކުންފުނިން ހޯދަމުން ގެންދާކަމަށެވެ. އެގޮތުން ބައެއް ފަޅުތަކުގައާއި މޫދުގައި  ފްލޯޓިންގް ސޯލަރ ހަރުކުރެވޭނެ ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.ސްޓެލްކޯއިން މިހާރުވެސް އއ. އަތޮޅުގެ ގިނަ ރަށްރަށުގައި ސޯލަރ އެނަރޖީ ބޭނުންކޮށްގެން ކަރަންޓް އުފައްދައެވެ. މީގެ އިތުރުން ވ. ރަކީދޫގައި ބޭނުންކުރާ ހަކަތަ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ބޭނުންވާ ސޯލަރ ސިސްޓަމް މިހާރު ވަނީ ހަރުކޮށް ނިމިފައެވެ. މީގެ އުތުރުން އދ. ދިއްދޫ ގައިވެސް މިފަދަ ޕްރޮޖެކްޓެއް ފެށުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.ސްޓެލްކޯގެ އިތުރުން ފެނަކައިން ކަރަންޓް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން ތިނަދޫގައި ބޭނުންކުރާ ކަރަންޓްގެ ދެބައިކުޅަ އެއްބަޔަކީ އިޢާދަކުރަނިވި ހަކަތައެވެ. އަދި  ދ ކުޑަހުވަދޫގައި ބޭނުންކުރާ ކަރަންޓްގެ  30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައެވެ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރ އަޙުމަދު ނަޖާޙް ވިދާޅުވީ، އެކުންފުނިންވެސް ބޭނުންވަނީ ޑީސަލަށް ކުރާ ޚަރަދު ކުޑަކޮށް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭވަރު އިތުރުކުރުންކަމަށެވެ. އަދި އާއްމު ފަރާތްތަކުންވެސް އިޢާދަކުރަނިވި ބޭނުންކުރުމަށް ހުރި ފުރުޞަތުގެ ބޭނުންކޮށް، ގޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތަކަށް ވިސްނެވުމަށްވެސް އެފަރާތުން އެދިވަޑައިގެންނެވިއެވެ.ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުންކުރެވޭ ކަރަންޓްގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރާއި ، ތިމާވެއްޓާބެހޭ ވުޒާރާ ، ސްޓެލްކޯ އަދި ފެނަކައިންވެސް މަސައްކަތް ކުރައްވައެވެ. މި ހުރިހާ ފަރާތްތަކުންވެސް މި އަމާޒަށް ވާޞިލްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވައެވެ.