ޚަބަރު

ހުޅުމާލެ އައު މަގުތައް ތަރައްޤީކޮށް އޮކްޓޫބަރުމަހަށް ނިންމަނީ


ހުޅުމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އޮކްޓޫބަރުމަހަށް ނިންމާލުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެ ފޭސް 1ގެ ބައެއް މަގުތައް މަރާމާތު ކުރުމުގެ މަސައްކަތްތަކައި އަލަށް މަގުތައް ހެދުމުގެ މަސައްކަތުގެ އިތުރަށް ފޭސް 2 ގެ މަގުތައް ހެދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. މިގޮތުން މިދިޔަ އޭޕްރީލް މަހުން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތްތައް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ 6 މަގެއް އަންނަނީ މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތައް ހިމެނެއެވެ. މީގެ އިތުރުން އަލަށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ގާތްގަނޑަކަށް 13 މަގެއް ތާރު އަޅައިގެން ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ނުހަދާ ހުރި މަގުތައްވެސް ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިގޮތުން ދެވަނަ ފިޔަވަހީގައި 20 އަށްވުރެ ގިނަ މަގު ހެދުމަށް ވަނީ ނިންމާފައެވެ.

މިހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް މަގުތަކުގައި ލައިޓްހަރުކޮށް މަގުތައް އަލިކޮށްވެސް އޮންނާނެ ގޮތަކަށެވެ.

އެޗްޑީސީން މީގެކުރިންވެސް ވަނީ ހުޅުމާލެ މަގުތަކަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ އިތުރަށް މަގުތައް އަލި ކުރުމަށްޓަކައި ލައިޓްތައް ހަރުކޮށްފައެވެ. މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާ ހިޔާ ސަރަހައްދުގެ މަގުތަކުގައި ތާރު އަޅާ ނިންމާ އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމާފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.