ހދ. ކުޅުދުއްފުށިން 100 ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށްޓަކައި ބޭއްވި ގުރުއަތުލުމުގައި މައްސަލަތައް ހުރުގެން އަލުން ގުރު ލާން އެންޓިކޮރަޕްޝަން ކޮމިޝަނުން އެންގެވި އެންގެވުމާއި އެއްގޮތަށް އަލުން ގުރުއަތުލުން ބާއްވަން ކުޅުދުއްފުށީ ކައުންސިލުން ހަމަޖައްސަވައިފިއެވެ.މިކަން ހާމަކުރައްވައި އެކައުންސިލުން އިޢުލާނެއްވެސް މިހާރު ވަނީ ކުރައްވާފައެވެ. އެ ކައުންސިލުން މަޢޫލޫމާތު ދެއްވިގޮތުގައި 25 ޕޮއިންޓަށް ވުރެ ދަށުން މާރކްސް ލިބުނު ފަރާތްތައް ގުރުއަތުގައި ކުރިން ބައިވެރި ކުރުމުން ދިމާވި މައްސަލަ މިހާރު ޙައްލު ކުރައްވާފައިވާ ކަމަށާއި، މިފަހަރުގެ ގުރުލުމުގައި ބައިވެރި ކޮށްފައިވަނީ ހަމައެކަނި 25 ން ފެށިގެން މަތީން ޕޮއިންޓް ލިބިފައިވާ ފަރަތްތައް އެކަނި ކަމުގައެވެ. "ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން ހދ. ކުޅުދުއްފުށީގައި ޢިމާރާތްކުރެވޭ 165 ރޯހައުސްގެ ތެރެއިން މައްސަލަ ޖެހިފައިވަނީ، ކުޅުދުއްފުއްޓަށް ހުޅުވާލެވުނު 100 ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށްޓަކައި ބޭއްވި ގުރުއަތުލުމުގައި، 25 ށް ވުރެ ދަށުން ޕޮއިންޓް ލިބުނު ފަރަތްތައް ހިމަނާފައި ވާތީއެވެ. އަދި ގުރުލުން ބާޠިލްކޮށް އަލުން ގުރުލުމަށް އޭ.ސީ.ސީ.ން ކުޅުދުއްފުށީ ކައުންސިލަށް އަންގަވާފައިވެއެވެ. އަންނަ މަހު އަލުން ގުރުލުން ބާއްވަން މަސައްކަތް ކުރައްވަމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ.