ކުޅިވަރު

ބޮޑު ބަދަލަކާއެކު ވީއޭއެމުން ކުލަބުތަކަށް 18 ކުޅުންތެރިން ބަހާލައިފި


މިއަހަރުގެ ވޮލީބޯޅަ ސީޒަނަށް ގެނައި ބޮޑު ބަދަލާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެކުލަވާލި ޕޫލުގައި ހިމެނޭ ބިދޭސީ 18 ކުޅުންތެރިން ކުލަބުތަކަށް ބަހާލައިފިއެވެ.

ސީޒަން ފެށުމުގެ ކުރިން ބުދަ ދުވަހުގެރޭ ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށްދިޔަ ޑްރާފްޓް ނައިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މި އަހަރުގެ ސީޒަންގައި ކުރިއަށްދާ ތިން މުބާރާތުގެ ލޯގޯ އިފްތިތާޙްކޮށްދެއްވައިފައެވެ.

މިއަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތަކީ އެސޯސިއޭޝަން ކަޕެވެ. އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް މި މަހުގެ 11 ވަނަ ދުވަހު ފެށުމުގެ ކުރިން، ވީއޭއެމުން ބޭއްވި "ވީއޭއެމް ސީޒަން ޑްރާފްޓް" ނައިޓްގައި 18 ކުޅުންތެރިން ވަނީ ކުލަބުތަކަށް ބަހާލާފައެވެ.

ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ފޯރުކޮށްދިނީ ކުލަބުތަކުގެ މެދުގައި ގުރު ނަގައިގެން ތަރުތީބު ލައްވާލި ގޮތަށެވެ. އެގޮތުން ކޮންމެ ކުލަބަކަށްވެސް އެ ކުލަބުން ބޭނުންވާ މަގާމުތަކަކަށް ތިން ކުޅުންތެރިން ނެގުމުގެ ފުރުސަތު ހަމަހަމަ އުސޫލެއްގެ ތެރެއިން ވީއޭއެމުން ވަނީ ވަނީ ދީފައެވެ. ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި މި ފަހަރު މި ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ، އިންޑިއާގެ މަޝްހޫރު ޕްރައިމް ވޮލީބޯޅަ ލީގުގައި ފެންވަރު ސާބިތުކޮށްދީފައިވާ ތަރިންނެވެ.

ކުލަބުތަކަށް ކުޅުންތެރިން ބެހުނު ގޮތް:

ވެމްކޯ:
އަސްވަލް ރާއީ
ރަންޖިތް ސިންގ
އަމިތް ސިންހް

ޕޮލިސް ކުލަބު:
މުތޫ ސާމީ
އަނޫ ޖޭމްސް
އަކިންހް

ގުޑީސް:
ރިޔާޒުއްދީން
ވަރުން
މޯހިތް ޝަރަވާތް

އޮފު އެފްސީ:
އަމިތް ގުލިއާ
ގުރޫ ޕަރްޝާންތް
ޖޯން ޖޯސެފް

ދިވެހި ސިފައިންގެ ކުލަބު:
ޝޯން ޓީ ޖޯން
ކާތިކް
މަނޫ ޖޯސެފް

ސްޕޯޓްސް ކުލަބު ސިޓީ:
ވިނީތް ކުމާރް
ހަރްދީބް ސިންގް
ވިނާޔަތް

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މި ސީޒަންގެ މުހިންމު މުބާރާތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ކަޕުގެ ގުރުއަތުލުންވެސް ކުރިއަށް ގެންގޮސްފައެވެ. މި މަހު ފެށުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ކަޕާއިއެކު ޖުލައި އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނީ ފިރިހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތްވެސް ކުރިއަށްދާނެ އެވެ.