ދުނިޔެ

ބަޗާ ޚާން ޔުނިވާސިޓީއަށް ޙަމަލާދޭން ރޭވީ އަފްޣާނިސްތާނުގައި


ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ޗަރްސައްޑާ ގެ ބަޗާ ޚާން ޔުނިވަރސިޓީއަށް މިދިޔަ ހަފްތާގެ ބުދަދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ވަނީ އަފްޣާނިސްތާންކަމަށް ޕާކިސްތާނުން ބުނެފިއެވެ.ޕާކިސްތާން ސިފައިންގެ ތަރުޖަމާން ޖެނެރަލް އާސިމް ބަޖްވާ ވިދާޅުވީ ބަޗާޚާން ޔުނިވަރސިޓީއަށް ޓެރަރިސްޓް ޙަމަލާތައްދިނީ ޕާކިސްތާނުގެ ޠާލިބާނުންގެ ބަޔަކު ކަމަށާއި ނަމަވެސް އެމީހުންނަށް ތަމްރީނުދިނުމާއި އެޙަމަލާތައް ރޭވުމުގެ ހުރިހާ ކަމެއް ހިންގާފައިވަނީ ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ އަފްޣާނިސްތާނުގެ ސަރަހައްދެއްގައި ކަމަށެވެ.ބަޗާ ޚާން ޔުނިވަރސިޓީއަށް މިދިޔަ ހަފްތާގައި ދިން ޓެރަރިސްޓް ޙަމަލާތަކުގައި 20 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާއިރު އެޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާން ޠާލިބާނުންގެ ކޮމާންޑަރެއްކަމަށްވާ އުމަރު މަންސޫރު ނަމަކަށްކިޔާ މީހެއްގެ ޖަމާއަތުންނެވެ. 2014 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ސްކޫލަކަށް ހަމަލާދީ 134 ކުދިން މަރާލި ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާވެސް އުފުލާފައިވަނީ އުމަރު މަންސޫރުގެ ޖަމާއަތުންނެވެ.