ޚަބަރު

ބ.އަތޮޅު 4 ރަށެއްގެ ބަނދަރު ނިމިއްޖެ، އިތުރު 3 ބަނދަރުގެ މަސައްކަތް ކުރިއަށް


ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގެ ބަނދަރު ބޮޑު ކުރުމާއި މަރާމާތުކުރުމުގެ އިތުރުން ބަނދަރު ނެތް ރަށްރަށުގައި ބަނދަރު ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބ.އަތޮޅުގެ 4 ރަށެއްގެ ބަނދަރު ސަރުކާރުން ވަނީ ހަދައި ނިންމާފައެވެ.

މީގެއިތުރުން އެއަތޮޅުގެ އިތުރު 2 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު 1 ރަށުގައި ބަނދަރުގެ ޢަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖެއިންވެސް ލަފާފުރުމުގެ ދަތިކަން އެންމެބޮޑަށް ކުރިމަތިވެފައި އޮތް އެއް އަތޮޅަކީ ބ.އަތޮޅޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ރަނގަޅު ބަނދަރެއް އޮތީ 7 ރަށެއްގައެވެ. އަނެއް 6 ރަށުގެ ތެރެއިން 2 ރަށެއްގައި ބަނދަރެއް ނުވެސް އޮވެއެވެ.

އެއީ ބ.އަތޮޅުގައި އޮތް އެންމެ އާބާދީ މަދު ދެ ރަށްކަމަށްވާ ފެހެންދޫ އާއި ފުޅަދޫއެވެ. އާބާދީ މަދުވުމާ ގުޅިގެން ބަނދަރެއްގެ އުފާ ލިބޭނެކަމަށް އެރަށު މީހުން އެއްވެސް ވަރަކަށް އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސިޔާސަތާ އެއްގޮތަށް އާބާދީގެ ކުޑަ ބޮޑުމިނެއް ބެލުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ އާއި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ވައުދުގެ ތެރެއިން މިއަދު މިދެރަށުގަވެސް ވަނީ ބަނދަރު ތަރައްޤީކޮށް ނިންމާފައެވެ. ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވެފައި އޮތް މި ދެރަށު ރައްޔިތުން ލަފާ ފުރުމަށް އުފުލި ބުރައަށްބަލާ މިދެރަށުގައިވެސް ބަނދަރު ހެދީ އެ ދެރަށަށް ލިބިފައި އޮތް ގުދުރަތީ ރީތިކަން ނުގެއްލޭނެހެންނެވެ.

އެއް ފަޅެއްތެރޭގައި އޮންނަ 3 ރަށުގެ ތެރެއިން ބަނދަރެއް އޮންނަނީ ހަމައެކަނި ގޮއިދޫގައެވެ. އެއީ މި ދެރަށު ރައްޔިތުންގެވެސް ބަނދަރެވެ. ފެހެންދޫ އާއި ފުޅަދޫއަށް ގެންނަ ކޮންމެ މުދަަލެއް ބާލަނީ ގޮއިދޫ ބަނދަރަށެވެ. މުދަލާއި ރާއްޖެއިން ބޭރުން ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިޔާވެސް ރަށަށް ގެންނަން ޖެހެނީ ކުދިކުދި އުޅަނދުތަކުގައެވެ. އެއީ ފުންފަޅެއް ނޯންނާތީ އެ ދެރަށު ފާލަމަށް ބޮޑެތި އުޅަނދުތަކަށް ކައިރި ނުކުރެވޭތީއެވެ.

އެހެންނަމަވެސް މިހާރު މިކަން ވަނީ މާޒީވެ ގޮސްފައެވެ. ސަރުކާރުން 85 މިލިއަނެއްހައި ރުފިޔާ ޚަރަދުކޮށްގެން ހެދި މި ބަނދަރުތަކުގެ ސަބަބުން އެރަށްރަށް ދާ މީހުންގެ އަދަދު އިތުރުވެ، ރަށުގެ އިޤްތިސާދުވެސް މިވަނީ ރަނގަޅުވާން ފަށާފައެވެ. ކޮންމެ އަކަސް މި ދެރަށު ރައްޔިތުން މި ބަނދަރުތައް ސިފަކުރަނީ ސަރުކާރުން އެމީހުންނަށް ދިން އެންމެ އަގުބޮޑު ހަދިޔާގެ ގޮތުގައެވެ.

މިހާރު އެއަތޮޅުގައި ބަނދަރުގެ އަމަލީ މަސައްކަތް ކުރަމުންދަނީ ކުޑަރިކިލުގައި އެކަންޏެވެ. އެރަށު ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑާއެވެ. ކުޑަރިކިލު ބަނދަރުގެ މަސައްކަތްވެސް ކުރިއަށް މިއޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް އެމްޓީހޯގާޑުން ލަފާ ކުރެއެވެ. މިރަށުގެ އިތުރުން ކިހާދޫއާއި ދޮންފަނު ބަނދަރުގެ މަސައްކަތްވެސް މިމަޝްރޫއުގެ ތެރޭގައި ހިމަނައިގެން އެމްޓީ ހޯގާޑާ ހަވާލުކުރިއެވެ. ކިހާދޫއާއި ދޮންފަނު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މި ތިންރަށުގައިވެސް ބަނދަރެއް އެންމެ ފުރަތަމަ ތަރައްޤީ ކުރީ 2000ވަނަ އަހަރުގެ ތެރޭގައެވެ. އެއީވެސް އަމިއްލަ ފަރާތްތަކުގެ އެޙީތެރިކަމާއެކު އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުން ހަދާފައިވާ ބަނދަރުތަކެކެވެ. މި ބަނދަރުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ކުރެވިފައިވަނީ ހައެއްކަ އަހަރުއެވެ. ސުނާމީ ކާރިޘާގައި ބަނދަރުތައް ހަލާކުވަމުންގޮސް މި ތިންރަށުގެ ބަނދަރު އެއްކޮށް ހަލާކުވިއެވެ. ބަނދަރުތަކުގެ މަސައްކަތް ފެށީ ބަނދަރު ހަލާކުވެފައި އޮންނަތާ 15 ވަރަކަށް އަހަރު ފަހުންނެވެ.

ބ.މާޅޮހު ބަނދަރަކީވެސް ސުނާމީގައި ގެއްލުން ލިބި ހަލާކުވެފައިވާ ބަނދަރެކެވެ. އެ ބަނދަރު މިހާރުވެސް ބޭނުން ކުރެވެނީ އެރަށު ކައުންސިލުން މަސައްކަތް ކޮށްގެން ބަނދަރު މަރާމާތު ކުރާތީއެވެ. މި ބަނދަރުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ބަނދަރު ހެދުމުގެ މަސައްކަތަށް ތައްޔާރުވަމުން ދާ ދެރަށަކީ ކަމަދޫ އާއި ހިތާދޫއެވެ. މިދެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެ ބަނދަރުތަކުގެ މަސައްކަތް ފެށުމަށް މިހާރުވަނީ ސައިޓްތައް މޮބިލައިޒް ކޮށްފައެވެ. މިމަސްތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ކިހާދޫއާއި ދޮންފަނު ބަނދަރުގެ މަސައްކަތް ނިމުމާއެކު ލޯންޗްފަހަރާ މުދާ އުފުލާ ބޯޓުތައް އެރަށްރަށަށްވަނީ ކައިރި ކުރަން ފަށާފައެވެ. މިއާއެކު މިރަށްރަށުގެ އިޤްތިސާދުވެސް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.