ދުނިޔެ

ޖީސީސީގެ ޤައުމުތަކާއެކު އެމެރިކާއިން ބާއްވާ ގުޅުން ދަމަހައްޓާނެ


ގަލްފު ކޯޕަރޭޝަން ކައުންސިލް - ޖީ.ސީ.ސީ ގެ ޤައުމުތަކާއެކު އެމެރިކާއިން ބާއްވަމުންދާ ގާތްގުޅުންތައް ކުރިއެކޭވެސް އެއްގޮތަށް ދަމަހައްޓައި، އެޤައުމުތަކަށް އެހީތެރިވާ ޤައުމެއްގެ ގޮތުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.ކެރީ މިހެން ވިދާޅުވީ އޭނާ ސަޢޫދީ އަރަބިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސަޢޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިއީ އެމެރިކާއާއި އީރާނާއި ގާތްވަމުންދާ މައްސަލާގައި ސަޢޫދީ އަރަބިއްޔާއާއި ޖީ.ސީ.ސީގައި ހިމެނޭ ގަލްފުގެ އެހެން އަރަބި ޤައުމުތައް ކަންބޮޑުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ކެރީ ދެއްކެވި ވާހަކަތަކެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.އެމެރިކާއިން ދާދިފަހުންވަނީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އުވާލާފައެވެ. އަދި އީރާނުގައި އިންވެސްޓްކޮށް އީރާނާއިއެކު އިޤްތިސާދީ މުޢާމަލާތްތައް ކުރުމުގެ ހުއްދަ އޮބާމާގެ ސަރުކާރުން އެމެރިކާގެ ކުންފުނިތަކަށް ދީފައިވެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަޢޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު، އީރާނުން "ޓެރަރިސްޓް" ޙަރަކާތްތަކަށް އެހީތެރިވާކަމަށް ތުހުމަތު ކުރައްވައި އީރާނަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވާފައިވެއެވެ.