ޚަބަރު

ރަސްމާދޫ ބަނދަރު ނިމި ރައްޔިތުންނަށް އުފާވެރިކަން

ރ.ރަސްމާދޫ ބަނދަރު މަރާމާތުކޮށް ބޮޑުކޮށް މިހާރު ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. މުޅި ފުރުހަމަކުރަންޖެހޭ ކުދިކުދި ކަންކަން އަދި ހުރިކަމަށްވިޔަސް ބަނދަރުގެ އުފާ ރައްޔިތުންނަށް މިހާރު ލިބެމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ރަސްމާދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މިމަސައްކަތުގެ ދަށުން މިހާރުއޮތް ބަނދަރާއި ބަނދަރަށް އަލަށް އިތުރުކުރި ބައި ފުންކޮށް، ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ފުންކޮށްފައި ވަނީ 9000 އަކަމީޓަރުގެ ސަރަހައްދެކެވެ.

ބަނދަރުގެ އެއްގަމު ތޮށްޓާއެކު އޮތް ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތާއި ކޮންކްރީޓް ބީމް އެޅުމުގެ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި ބޭރު ތޮށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މިމަޝްރުޢުގެ ދަށުން ކުރަންޖެހޭ ކަންކަމުގެތެއިން މިހާރު ނުނިމެނީ ދެކަމެކެވެ. އެއީ ބަނދަރު ބައްތި ހައްރުކުރުމާއި ނެރު ފުން ކުރުމުގެ މަސައްކަތެވެ. ނެރު ފުންކުރަނީ ކުރިން ފުންކޮށްފައި އޮތް ސަރަޙައްދު ތިލަވެފައިވާތީއެވެ. މި ދެ މަސައްކަތް ނުނިމުނު ނަމަވެސް ބަނދަރުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުން ދަނީ ކުރަމުންނެވެ.

އެހެނަސް ދިޔަވަރު ހިކޭ ވަގުތުގައި ނެރުން ވަންނަ ބޮޑެތި ބޯޓްފަހަރު ބީހޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވިއެވެ. ނެރު ފުންކުރުމުގެ މަސައްކަތް ނިމުމުން މިކަންވެސް ޙައްލުވާނެއެވެ. މަސައްކަތުގެ ކޮންޓެކްޓަރާ ހަވާލާދީ އާސިފް ވިދާޅުވީ ބަނަރު ސަރަޙައްދުގައި ހަރުކުރާ މަގުބައްތިތައް ގެނައުމަށް ދެމަހެއްވަރު ނަގާނެކަމަށެވެ.

ރަސްމާދުއަކީ ގިނަ ޢަދަދަކަށް ކަންނެލި އޮޑިދޯނިފަހަރު އޮންނަ ރަށެކެވެ. ރަށުގެ ބަނދަރުގެ ޖާގަ ކުޑަވެ ބަނދަރުގެ ބޮޑުބައެއް ހަލާކުވެ، ދަތިތަކާ ކުރިމަތިލާން ޖެހުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް އައި ހިސާބުން މި ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުންވަނީ މަސައްކަތް ފަށާފައެވެ.

ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގައެވެ. ކޯވިޑްގެ ބަލި މަޑުކަމާ ގުޅިގެން ދިމާވި އެކިި ސަބަބުތަކާހުރެ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. ކޯވިޑްގެ ބަލި މަޑުކަމާ ގުޅިގެން މަސައްކަތް ކުރުމަށް ދަތިކަންތައްތަކެއް ކުރިމަތިވި ނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ބޮޑުކޮށް ކުރިންއޮތް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.