ރިޕޯޓް

ދިއްދޫ މިޑްލްސް ސްޕޯޓްސް ކުލަބު، ނަމޫނާ ޖަމްޢިއްޔާއެއް!


ރަށްރަށުގެ ކުލަބް، ޖަމްޢިއްޔާތަކަކީ އިޖްތިމާޢީގޮތުން އެރަށްރަށަށް ގިނަގުނަ ފައިދާތަކެއް ހޯދައިދޭ ޖަމާޢަތްތަކެކެވެ. އެހެންމަމަވެސް މިކަން ބިނާވެގެންދަނީ އެ ޖަމްޢިއްޔާއެއް ނުވަތަ ކްލަބެއްގެ ޙަރަކާތްތެރިކަމާއި ހިންގުންތެރިކަމާއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު އެކިނަންނަމުގައި ކުލަބް، ޖަމްޢިއްޔާތައް ހިންގަމުން ދެއެވެ. ހއ.ދިއްދޫ މިޑްލްސް ސްޕޯޓްސް ކުލަބަކީ މިގޮތުން ފާހަގަ ކޮށްލެވޭ ޖަމްޢިއްޠާއެކެވެ.

9 ޖޫން 2016އިން ފެށިގެން ރަޖިސްޓްރީކޮށްގެން ހިންގާ މިޑްލްސް ސްޕޯޓްސް ކުލަބަކީ ދިއްދޫގެ ތަރައްޤީއާއި ކުރިއެރުމަށް އަދި ރަށުގެ އިޖުތިމާޢީ ކަންކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަމިއްލަ ޖަމްޢިއްޔާއެކެވެ. ދިއްދޫ މެދުއަވަށައް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން ހިންގަމުން އަންނަ މި ޖަމްޢިއްޔާ ނުވަތަ ކްލަބަކީ މިވަގުތު ދިއްދޫގައި އޮތް އެންމެ ހިންގުންތެރި ޖަމްޢިއްޔާއޭ ދެންނެވިދާނެއެވެ.

ރަށުގަ ހިންގާ ކޮންމެހަރަކާތެއްގައިވެސް އެންމެ އިސްކޮށް ފެންނަނީ މިޑްލްސް ސްޕޯޓްސް ކުލަބެވެ. އެންމެފުރަތަމަ މި ކުލަބް އުފެދިގެން އައީ ފުޓްބޯޅަ ކުލަބެއްގޮތުގައެވެ. ނަމަވެސް މިހާރު މިއީ ހަމައެކަނި ފުޓްބޯޅަ ކުލަބެއްނޫނެނެވެ. ރަށުގެ ތަރައްގީއަށް އެތައް މަސައްކަތެއްކުރާ ޖަމްޢިއްޔާއެކެވެ.

ކޯވިޑް-19ގެ ޢާލަމީ ވަބާގެ ޙާލަތުގައި ދިއްދޫގެ ރައްޔިތުންނަށް އެހީތެރިވުމާއި އެޙާލަތުގައި ރައްޔިތުންގެ ދަތިތައް ފިލުވައިދިނުމަށް މިޑްލްސް ސްޕޯޓްސް ކުލަބުން ކުރި މަސައްކަތަކީ ރައްޔިތުންގެ ލޯތްބާއި ރުހުން އެޖަމްޢިއްޔާއަށް ލިބިގެންދިޔަ އެއް ސަބަބެވެ. ހަމަ ގައިމުވެސް މިޙާލަތުގައި އެކަނިވެސް މިޑްލްސް ސްޕޯޓްސް ކުލަބް ވަނީ ނަމޫނާ ދައްކާފައެވެ. ރައްޔިތުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާއެކުއެވެ.

މިޑްލްސް ސްޕޯޓްސް ކުލަބުން ވަނީ އިޖުތިމާޢީގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އެކުލަބުން އިސްނަގައިގެން ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތަކާއި، ތަޢުލީމީ އަދަބީ ފަންނީ އެކިއެކި ޙަރަކާތްތައް ހިންގާފައެވެ. އަދި ފުޓްބޯޅަ، ވޮލީފަދަ ކުޅިވަރުތަކުގެ މުބާރާތްތައް ބާއްވައި ޒުވާނުންނަށް ހިތްހަމަޖެހުން ގެނެސްދީފައިވެއެވެ.

މީގެއިތުރުން ރަށުގަތިބި ނުކުޅެދުންރެތިކަން ހުންނަ ކުދިނަށް ބޭނުންވާ އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކިއެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމުގައިވެސް މިޑްލްސް ސްޕޯޓްސް ކުލަބު ފާހަގަކޮށްލެވެއެވެ. މިފަދަ އެހީތައް ހޯދުމަށާއި ޢާއްމުން ހޭލުންތެރިކުރުވުމަށް މިޑްލްސް ސްޕޯޓްސް ކުލަބުން ވަނީ އެކި ޙަރަކާތްތައް ހިންގާފައެވެ.

މިދިޔަ ރަމަޟާންމަހު މިޑްލްސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތަކީ މިހާތަނަށް އެކުލަބުން ބޭއްވި އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ވަރަށް ކާމިޔާބު އަދި ގިނަބައެއްގެ ތައުރީފު ލިބުނު މުބާރާތެއްކަމަށް މިޑްލްސް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވިއެވެ. މިއީ ޕީއެސްއެމްއިން ގެނެސްދިން ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި، ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ބޭއްވި މުބާރާތެކެވެ. މި މުބާރާތުން އެއްވަނައަށް ދިޔަ ފަރާތަށް މިޑްލްސް ސްޕޯޓްސް ކުލަބުން ވަނީ ޢުމްރާ ދަތުރެއް ދީފައެވެ. މީގެ އިތުރުން ގަދަ 5ގައި ވާދަކުރި ފަސް ބައިވެރިންނަށްވެސް ވަނީ ގިނަ އިނާމުތަކެއް ދީފައެވެ. މިއީ ދިއްދޫގައި މިހާތަނަށް ޖަމްޢިއްޔާއަކުން އިސްނަގައިގެން ބޭއްވި މިފަދަ އެންމެ އަގުބޮޑު މުބާރާތެވެ. މި މުބާރާތް މިއަންނަ އަހަރުވެސް ބާއްވާނެ ކަމަށް އެކުލަބުން ވަނީ އިޢުލާނު ކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިޑްލްސް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވީ މިޑްލްސް ސްޕޯޓްސް ކުލަބުގެ އަމާޒަކީ މިހާރު ހަމައެކަނި ކުޅިވަރު ކުރިއެރުވުން ނޫންކަމަށެވެ. ދީނީގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އުމްރާނީގޮތުން ރަށުގެ ތަރައްގީއަށް މަސައްކަތްކުރުމަކީ އަމާޒުކަމަށް ނަޝްވާން ވިދާޅުވިއެވެ.

ދިއްދޫ ނޫނަސް ރާއްޖޭގެ އެކި ރަށްރަށުގައި އެތައް ބައިވަރު ކްލަބު ޖަމްޢިއްޔާތައް އުފެދިފައިވެއެވެ. އެހެންނަމަވެސް ގިނަ ޖަމްޢިއްޔާތައް އޮންނަނީ ހަމައެކަނި ނަމެއްގައެވެ. ޙަރަކާތްތެރިކަން ވަރަށްކުޑައެވެ. މިފަދަ ޖަމްޢިއްޔާތަކަކީ ޙަރަކާތްތެރި ރައްޔިތުންނާ ގުޅުންބޮޑު ޖަމްޢިއްޔާތަކަކަށް ވުމަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކޮންމެހެން ބޭނުންތެރިކަމެކެވެ.