މި ސަރުކާރު އައީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ވަޢުދާއެކުގައެވެ. އާބާދީގެ ކުޑަބޮޑު މިނަކަށް ބެލުމެއްނެތި ތަރައްޤީ ގެނައުމުގެ ވަޢުދާއެކުގައެވެ. މި ވަޢުދާ އެއްގޮތަށް، ކޮންމެ ރަށަކަށް ބަލާލުމުންވެސް ފެންނަނީ އެ ރަށެއްގެ ރައްޔިތުން އެންމެ އެދިއެދި ތިބި، އަދި އެތަށް އަހަރެއްވެ ނުފުދިހުރި އެތަށް ކަމެކެވެ. ފެންނަނީ މިފަދަ އެތައް މަޝްރޫޢުތަކެއް ނިމި، އޭގެ މަންފާ ރައްޔިތުންނަށް ލިބެމުން އަންނަ މަންޒަރެވެ.
އއ.އުކުޅަހުން މިމަންޒަރު ފެންނަނީ ވަރަށް ސާފުކޮށެވެ. ގެސްޓް ހައުސް ވިޔަފާރި މިހާރު ފުޅާވެފައިވާ އުކުޅަހަށް، ކުރިއްސުރެއޮތް އެންމެ ބޮޑު މާޔޫސްކަމަކީ ފަތުރުވެރިކަން ފުޅާވިޔަސް އުމްރާނީގޮތުން އެރަށް ރައްޔިތުން އެދޭ މިންވަރަށް ކުރި ނޭރުމެވެ.
ވޭތުވެދިޔަ 3 އަހަރުގެ ކުރުމުއްދަތުގައި އުކުޅަހުގެ މަންޒަރު މުޅިން ބަދަލުކޮށްލައިފިއެވެ. ރަށުގެ ރައްޔިތުންނާއި، ރަށުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު ކުރިއެރުން ބޭނުންވެފައިވާ އެތަށް މަޝްރޫޢުއެއްގެ މަސައްކަތް މިހާރު ރަށުގައި ދަނީ ކުރިއަށެވެ. މުހިންމު އެތަށް މަސައްކަތެއް ނިމިޖެއެވެ. އަދި ބޮޑެތި މަޝްރޫޢުތަކެއް ހުރީ ބަޖެޓްކޮށް، ޓެންޑަރކޮށް ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، މީގެކުރީގެ އެއްވެސް ވެރިކަމުގެ ދައުރެއްގައި ރަށަށް ނާންނަހާ ތަރައްޤީ މި 3 އަހަރުގެ ކުރު މުއްދަތުގައި ފެނިގެންދާކަމަށެވެ.
"ރަށުގައި ނިމިފަ ހުރި މަޝްރުޢުތަކާއި ހިނގަމުންދާ މަސައްކަތްތަކާއި އަދި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ އަގު 300 މިލިއަނަށްވުރެ މަތި. ރަށުގެ ކޮންވެންޝަން ސެންޓަރަކީ ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް. ކޮންވެންޝަން ޓުއަރިޒަމް ރަށުގައި ފެށިއްޖެ. މިހާރުވެސް ސެންޓަރުގައި ކުރިއަށްގެންދިއުމަށް ގިނަ ކޮންފަރެންސްތަކެއް ޝެޑިއުލް ކޮށްފައި އެބަހުރި." ޝައުކަތު ވިދާޅުވިއެވެ.
ޝައުކަތު ވިދާޅުވީ ބިން ނެތިގެން، ރަށުން ބޯހިޔާވަހިކަމަށް ބިން ދޫނުކުރާތާ 25 އަހަރު ވެއްޖެކަމަށެވެ. ސަރުކާރުންވަނީ އުކުޅަހުގެ ބިން ހިއްކުމަށް ނިންމާއި އެމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. ބިން ހިއްކާސަރަޙައްދުގެ ބައުންޑް ވޯލް ޖަހައި މިހާރުވަނީ ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައެވެ.
ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ މިންވަރު، ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވިކަމަށް ޝައުކަތު ވިދާޅުވިއެވެ. މި މަޝްރުޢު މިއަހަރުގެ ބަޖެޓްގައި ހިމަނުއްވައިދެއްވިއެވެ. މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ އޮގަސްޓް މަހުގެކުރިން ސޮއިކުރާނެކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ޝައުކާތު ވިދާޅުވިއެވެ.
އުކުޅަހަކީ ކަނޑު އުޅަނދު ގިނަ، އަދި ގިނަ އަދަދަކަށް ކަނޑު އުޅަނދު ބަނދަރުކުރާ ރަށެކެވެ. އުކުޅަހުގެ ބަނދަރުގެ މައްސަލަ ޙައްލުކޮށް ބަނދަރަށް ޖާގަ އިތުރުކުރުމާއި، އަދި މިހާރު އޮތް ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އާ އިންޖީނުގޭގެ މަސައްކަތާއި، ކަރަންޓު އަޕްގްރޭޑްކުރުމުގެ މަސައްކަތަކީ މިވަގުތުވެސް ރަށުގައި ކުރިއަށްދާ މަސައްކަތްކެވެ.
ރަށުގައި އޭޓީއެމްގެ ޚިދުމަތްވެސް މިހާރުވަނީ ފަށާފައެވެ. ޝައުކަތު ވިދާޅުވީ ރަށަކީ ވިޔަފާރީގެ ގިނަ މުޢާމަލާތްތައް ހިންގާ ރަށަކަށް ވުމާއެކު، އޭޓީއެމްއެއް ނެތުމުގެ ދަތިކަން ކުރިން ވަރަށް ބޮޑަށް އޮތްކަށެވެ.
އުކުޅަހުގައި ކުރިއަށްގެންދާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ރަށުގެ ސިއްޙީ މަތުކަޒުގެ އިމާރާތަށް ޖާގަ އިތުރުކޮށް، މަރުކަޒު އިތުރަށް ތަރައްޤީ ކުރުން ހިމެނެއެވެ.
"ޒުވާނުންނަށް ޚާއްސަކޮށް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް. އައުޓްޑޯ ޖިމް ނިމިފައި، ވޮލީ ކޯޓް ނިމިފައި. އަދި މިހާރުވަނީ ރަށުގައި އިންޓަނޭޝަނަލް ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދަން ނިންމައި، ބީލަމަށް ހުޅުވާލަފައި." ޝައުކަތު ވިދާޅުވިއެވެ.
އުކުޅަހުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް، ސްކޫލްގައި 12 ކްލާސްރޫމްގެ ޢިމާރާތަކާއި، މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މިއިން ކޮންމެ މަޝްރޫޢުއަކީވެސް އުކުޅަހުގެ ތަރައްޤީއަށް މީގެ އެތަށްއަހަރެއް ކުރިންވެސް ބޭނުންވެފައި ހުރި މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ވެގެންދާނީ ރަށުގެ އާއްމުޙާލަތު ރަނގަޅުކޮށް، ރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ލިބޭ އިތުރު ފުރުޞަތަކަށެވެ.