ވިޔަފާރި

ލޯ ސީޒަނެއް މިހާރަކު ނެތް: 50 އަހަރުގެ ރެކޯޑެއް މިމަހު މުގުރާލައިފި


ރާއްޖެއަކީ މިއަދު ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ ވަރުގަދަ ބްރޭންޑެކެވެ. މިއީ ދުނިޔޭގެ ގިނަ ޤައުމަކުން ފަތުރުވެރިން އަންނަން ބޭނުންވާ "ޕެރެޑައިސް" އެވެ. ދުނިޔޭގެ ގިނަ ޤައުމަކުން މިއަދު ރާއްޖެ ފަތުރުވެރިކަމުގެ މިސާލަކަށް ބަލައެވެ. ޙާއްސަކޮށް ކޯވިޑް19ގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން މެނޭޖްކުރިގޮތާއި އޭގެފަހުން ފަތުރުވެރިކަން ކުރިއަރުވަމުން އައި ގޮތް މިއަދު މުޅި ދުނިޔޭގައި ނަމޫނާއަކަށް ވަނީ ވެފައެވެ.

ކޯވިޑްއަށްފަހު ރާއްޖެއިން ވަނީ ފަތުރުވެރިކަމުގައި ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އެގޮތުން "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑް ވިދިވިދިގެން 2 އަހަރު ހޯދުން ހިމެނެއެވެ. މީގެއިތުރުންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ނަންބަރުތަކުންވެސް ގިނަ ރެކޯޑްތަކެއް ދަނީ ހަދަމުންނެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ. މި ތާރީހީ އަހަރު ރާއްޖެއިން އަނެއްކާވެސް މިވަނީ ފަތުރުވެރިކަމުގެ އައު ރެކޯޑެއް ހަދާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން މިހާތަނަށް މިވީ 50 އަހަރުގެ ތެރޭގައި މޭމަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މި މޭމަހުއެވެ. މޭމަހަކީ އަބަދުވެސް ރާއްޖޭގެ ލޯ ސީޒަން ނުވަތަ ފަތުރުވެރިކަން ދަށް ދުވަސްވަރެވެ. ނަމަވެސް ރާއްޖެއިން މިހާރު ސާބިތުކޮށްދެމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލޯސީޒަނެއް ނެތްކަމަށެވެ.

މިމަހުގެ ފުރަތަމަ 25 ދުވަހު ރާއްޖެއަށް އައިސްފައިވަނީ 104،046 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރުކަމަށްވާ 2019 ވަނަ އަހަރުގެ މޭމަހަށް ބަލާއިރު އެމަހު ރާއްޖެ އައިސްފައިވަނީ 103022 ފަތުރުވެރިންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ފެހި ސިގްނަލެއްކަމަށެވެ. ރާއްޖޭގެ ލޯސިޒަންކަމަށް ކުރިން ބަލަނީ މޭ، ޖޫން އަދި ޖުލައި ނަމަވެސް މިއަހަރު މިކަން ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަތަން މިހާރު ފެންނަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުގެ އުންމީދަކީ މިމަހުގެ ބާކީއޮތް ދުވަސްތަކުގައި ރާއްޖެއަށް އިތުރު ފަތުރުވެރިން އައިސް މަސް ނިމޭއިރު ޖުމްލަ އަދަދު 125000 އަށް އެރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އާންމުކޮށް އަޅުގަނޑުމެން ލޯ ސީޒަން ގުނަން ފަށާފައި އިންނާނީ މޭ، ޖޫން، ޖުލައިގައި. މިފަހަރު ވަރަށް އާދަޔާ ހިލާފަށް އަޅުގަނޑުމެންނަށް މިފެނުނީ އެކަންތައް މުޅިން ބަދަލުވެގެން ދިޔަތަން. 2019 ވަނަ އަހަރަކީ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި އަހަރު. މޭމަހެއްގައިވެސް އަދި މި 50 އަހަރުތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި މިވަނީ 2019 ވަނަ އަހަރު. އެއަހަރު އަޅުގަނޑުމެންނަށް 103000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި. އެކަމަކު މިއަހަރު އަޅުގަނޑުމެންނަށް އެއަދަދު ފަހަނައަޅައި ގޮއްސި. މިހާރުދެން ހުރި ޓްރެންޑަށް ބަލާއިރު އަޅުގަނޑުމެންނަށް އުންމީދު ކުރެވޭ މަސްނިންމާލާއިރު 125000 ފަތުރުވެރިން ވަރު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް. ފަތުރުވެރިން ތިބޭ މުއްދަތުވެސް އިތުރުވެއްޖެ. އެހެންވީމަ ވަރަށް ބޮޑު ކުރިއެރުމެއް މިއީ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މި ކާމިޔާބީ އެހާބޮޑަށް ފާހަގަވެގެންދަނީ މިއީ މުޅި ދުނިޔެވެސް ސިޔާސީގޮތުންނާއި އަދި އިޤްތިޞާދީގޮތުން ވަރަށް ދަތި ދަނޑިވަޅެއްގައި ވަނިކޮށް ރާއްޖެއަށް ހާސިލްކުރެވުނު ކާމިޔާބީއަކަށް ވާތީއެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 2 މާކެޓްކަމަށްވާ ރަޝިއާ އަދި ޔޫކްރެއިންއިން އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާއި ގުޅިގެން އެއަރލައިންތަކުގެ ދަތުރުތަކަށް ބަދަލުތަކެއް އައިސް އަދި ދަތުރުފަތުރުގެ އަގުތައްވެސް މިހާރު ވަނީ ބޮޑުވެފައެވެ. ނަމަވެސް ރާއްޖެއިން މި ދަނޑިވަޅުގައި މިފަދަ ރެކޯޑެއް ޤާއިމްކުރެވުމަކީ ކުރިމަގު ފަހިކަމުގެ ހެއްކެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ ބުރަ މަސައްކަތެވެ.

ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 680،846 ފަތުރުވެރިންނެވެ. މިއީ ފާއިތުވެދިޔަ 2 އަހަރަށްވުރެވެސް ބޮޑު އަދަދެކެވެ.