ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ހަލުވިކަމާއެކު މަކުނުވިދުރި ފެތުރުން ހުއްޓުވުމަށް އަަވަސް ފިޔަވަޅުތަކެއް އެޅުން މުޙިއްމުކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފިއެވެ.
ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި މަކުނުވިދުރި ފެތުރުން ހުއްޓުވުމަށް އަަވަސް ފިޔަވަޅުތަކެއް އަޅައި ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން މުޙިއްމުކަމަށެވެ. އަދި މަކުނުވިދުރިއާ ދެކޮޅަށް ދެވޭނެ ފަރުވާއާއި ވެކްސިންގެ މަޢުލޫމާތުތައް އެއްކުރުން މުޙިއްމުކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ. އެ ގޮތުން ޢާއްމުކޮށް މަކުނުވިދުރި ނުފެންނަ ޤައުމުތަކުގައި އެ ބަލިފެތުރުން ހުއްޓުވުމަށް އިސްކަންދޭން ޖެހޭކަމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ހަލުވިކަމާއެކު މަކުނުވިދުރި ފެތުރުނު ނަމަވެސް އެ ބައްޔާ ދެކޮޅަށް ވެކްސިން ޖެހުމަކީ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ތާޢީދުކުރާކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޖަމުޢިއްޔާއިން ލަފާދީފައިވަނީ މަކުނުވިދުރި ޖެހިފައިވާ މީހުންނާއި ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުން ވަކި މުއްދަތަކަށް އެކަހެރިވުމަށެވެ. ވިލާތުގެ ބައެއް ޤައުމުތަކުގައި އެ ގޮތަށް ޢަމަލުކުރަންވަނީ ފަށައިފައެވެ. އެ ގޮތުން އިނގިރޭސިވިލާތާއި ބެލްޖިޔަމުފަދަ ޤައުމުތަކުގައި ބަލިޖެހިފައިވާ މީހުންނާއި ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުން 21 ދުވަހަށް އެކަހެރިވުމަށްވަނީ އަންގައިފައެވެ. އަދި މަކުނުވިދުރީގެ ސަބަބުން އެކަހެރިވާން ޖެހޭ މީހުން ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ ދަތުރުތަކާއި ބައްދަލުވެފައިވާ މީހުންގެ މަޢުލޫމާތު ޙިއްޞާކުރަންވެސްވަނީ އަންގައިފައެވެ.
މަކުނުވިދުރި އެންމެ ފުރަތަމަ ޖެހިފައިވަނީ ރާމާމަކުނަށެވެ. ގައިންގަޔަށްއަރާ މަކުނުވިދުރިއަކީ އެފްރިކާއިން ބޭރުގައި މީގެ ކުރިން ފެތުރިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި 200އަށްވުރެ ގިނަ މީހުންނަށްވަނީ މަކުނުވިދުރި ޖެހިފައެވެ. މަކުނުވިދުރި ޖެހުމުން ފުރާނައަށް ނުރައްކާވާކަމަކަށް ނުވެއެވެ. އެ ބަލީގެ މައިގަނޑު އަލާމާތަކީ ގަދައަށް ހުންއައުމާއި ގައިގައި ރިއްސުމާއި ވަރަށް ބޮޑަށް ފާރުވުމެވެ. އެ ބަލިން ފަސޭހަވާން ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނާއި މާބަނޑު އަންހެންނަށްކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ.
މަކުނުވިދުރިއަށް ޚާއްޞަ ވެކްސިންނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެ ބައްޔާ އެއްގޮތް އެހެން ބައްޔެއްކަމަށްވާ ކަށިވިދުރިއަށް ބޭނުންކުރާ ވެކްސިންނަކީ މަކުނުވިދުރިއާ ދެކޮޅަށް %85އަށް މަސައްކަތްކުރާ ވެކްސިންނެއްކަމަށް ޞިއްޙަތު ޖަމުއިއްޔާއިން ބުނެފައިވެއެވެ.