ޚަބަރު

ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަން ނައްތާލެވޭނީ ފިޔަވަޅުތައް އުވާލުމުން: ރަޝިޔާ


ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލެވޭނީ ރަޝިޔާއާ ދެކޮލަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށް އެ ޤައުމުން ބުނެފިއެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑުރާގީއާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ދެމެދު ކުރެއްވި މަޝްވަރާތަކަށްފަހު ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޮދަނާއި ގަސްކާނާ އެހެން ޤައުމުތަކަށް ފޯރުކޮށްދީގެން ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލަން އެ ޤައުމުން ބޭނުންވާކަމަށެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލަން ރަޝިޔާއަށް ގިނަ މަސައްކަތްތަކެއް ނުކުރެވޭނެކަމަށެވެ. ދުނިޔޭގައި އެންމެ ގިނައިން ގޮދަނާއި ގަސްކާނާ އުފައްދައި އެހެން ޤައުމުތަކަށް ބޭރުކުރާ ޤައުމަކީ ރަޝިޔާއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑުރާގީ ވިދާޅުވީ ޕުޓިންނާ މަޝްވަރާކުރެއްވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލެވޭނެ ގޮތްތައް އޮޅުންފިލުއްވަންކަމަށާއި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގެ ބަނދަރުތަކުގައި ގިނަ ޢަދަދެއްގެ ގޮދަނާއި ކާބޯތަކެތި ތާށިވެފައިވާކަމަށެވެ. އެ ދަތިކަން ފިލުވައި އެހެން ޤައުމުތަކަށް އެ ތަކެތި ލިބޭނެ ގޮތް މެދުވެރިވެއްޖެނަމަ ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލެވޭނެކަމަށް ޕުޓިންނަށް ދެންނެވިކަމަށް ޑުރާގީ ވިދާޅުވިއެވެ. އަދި ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާވެސް އެ މައްސަލާގައި މަޝްވަރާކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ބާރުގެ ދަށުގައިވާ ޔޫކްރެއިނުގެ މުޙިއްމު ބަނދަރުތަކުން އަމިއްލަ އާގުބޯޓުތައް ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.