ޚަބަރު

ރަޝިޔާއާ ދެކޮޅަށް ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ޤަރާރެއް ފާސްކޮށްފި


ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކާ ދެކޮޅަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ޤަރާރެއް ފާސްކޮށްފިއެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ޢާއްމު ބައްދަލުވުމުގައި އެމެރިކާއިން އިސްވެ ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޞިއްޙީ ކާރިޘާއެއް އުފެދިފައިވާކަމަށެވެ. އިތުރު 50 ޤައުމެއްގެ ތާޢީދާއެކު ހުށަހެޅި ޤަރާރުގައި ރަޝިޔާގެ ޙަމަލާތައް ކުށްވެރިކުރި ނަމަވެސް އެ ޤައުމަށް އެ ޖަމުޢިއްޔާއިން ދީފައިވާ ވޯޓުލުމުގެ ޙައްޤު އަތުލުމަށް ހުށަހަޅާފައެއް ނުވެއެވެ. އެ ޤަރާރު ފާސްކޮށްފައިވަނީ 194 ޤައުމުގެ ތެރެއިން 88 ޤައުމުގެ ވޯޓުންނެވެ. އެ ޤަރާރާ ދެކޮޅަށް 12 ޤައުމަކުން ވޯޓު ދިނެވެ. ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން އެފަދަ ޤަރާރުތައް ފާސްކުރުމަކީ ޢާއްމުކަމެއް ނޫނެވެ. އެހެންކަމުން ގިނަ ޤައުމުތަކުން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ޢާއްމު ބައްދަލުވުމުގައި ރަޝިޔާއިންވެސް ޤަރާރެއް ހުށަހެޅިއެވެ. އެ ޤަރާރުގައިވެސް ޔޫކްރެއިނުގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ޤަރާރު ފާސްކުރަން ބޭނުންވާ ޢަދަދަށް ވޯޓެއް ނުލިބުނެވެ. ރަޝިޔާއިން ބުނެފައިވަނީ އެ ޤައުމާ ދެކޮޅަށް އެމެރިކާ އިސްވެ ޤަރާރެއް ފާސްކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައިކަމަށާއި ވަކި ފަރާތަކަށް ޖެހިގެން ޞިއްޙަތާބެހޭ ޖަމުޢިއްޔާ ބޭނުންކޮށްގެން އެފަދަ ޤަރާރުތައް ފާސްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ޢާއްމު ބައްދަލުވުމަށް ހުށަހެޅި ދެ ޤަރާރުގައިވެސް ޗައިނާއިން ވޯޓުދީފައިވަނީ ރަޝިޔާއާ އެއްކޮޅަށެވެ. ޗައިނާއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިނުގެ މައްސަލާގައި ބަޙުޘްކުރަން ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ޢާއްމު ބައްދަލުވުމަކީ އެންމެ އެކަށީގެންވާ ބައްދަލުވުމެއް ނޫންކަމަށެވެ.