ޚަބަރު

އުތުރު ކޮރެޔާއަށް އަޅަން އުޅުނު ފިޔަވަޅުތައް ރަޝިޔާއާއި ޗައިނާއިން ހުއްޓުވައިފި


އުތުރު ކޮރެޔާއާ ދެކޮޅަށް އަޅަން އުޅުނު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާއާއި ޗައިނާއިން ހުއްޓުވައިފިއެވެ.

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލް ތަޖުރިބާކުރަން ފަށާފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން އިސްވެ މަސައްކަތްކޮށްފައިވަނީ އުތުރު ކޮރެޔާއަށް ދުންފަތާއި ތެޔޮ އެތެރެކުރުން ހުއްޓުވުމަށެވެ. އޭގެ އިތުރުން ލަޒަރަސް ނަމަކަށް ކިޔާ ހެކަރުންގެ ޖަމާޢަތަކާ ދެކޮޅަށްވެސް ފިޔަވަޅުއެޅުމަށް އެމެރިކާއިން ބޭނުންވިއެވެ. އެމެރިކާއިން ޤަބޫލުކުރައި ގޮތުގައި ލަޒަރަސްސަކީ އުތުރު ކޮރެޔާއާ ގާތްގުޅުންތަކެއް އޮންނަ ޖަމާޢަތެކެވެ.

އުތުރު ކޮރެޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާއިން މަސައްކަތްކޮށްފައިވަނީ އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ދެކުނު ކޮރެޔާއާއި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށް އުތުރު ކޮރެޔާއިން ތިން މިސައިލެއް ތަޖުރިބާކޮށްފައިވަނިކޮށެވެ. އޭގެ ތެރޭގައި އެއް ބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއްވެސް ހިމެނެއެވެ.

ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހުގެ 13 މެންބަރު ޤައުމުންވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވޯޓުދީފައެވެ. ނަމަވެސް ރަޝިޔާއާއި ޗައިނާއިން ދެކޮޅަށް ވޯޓުދިނުމުން އެމެރިކާއިން ހުށަހެޅި ޤަރާރެއް ފާހެއް ނުވެއެވެ. ސަލާމަތީ މަޖިލީހުން އެއްވެސް ނިންމުމެއް ނިންމޭނީ ރަޝިޔާއާއި ޗައިނާއިން ތާޢީދާއެކުއެވެ.

ފާއިތުވި 16 އަހަރުގެ ތެރޭގައި ސަލާމަތީ މަޖިލީހުންވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އުތުރު ކޮރެޔާއާ ދެކޮޅަށް އެ މަޖިލީހުން އެންމެފަހުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އުތުރު ކޮރެޔާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާގެ ސަބަބުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ރަޝިޔާއާއި ޗައިނާއިންވަނީ މަސައްކަތް ފަށައިފައެވެ. އަދި އުތުރު ކޮރެޔާއަށް އަޅަން އުޅުނު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވޯޓުދީފައިވަނީ އަލަށްށެވެ.

ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެޔާއާ ދެކޮޅަށް އަޅަން އުޅުނު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާއާއި ޗައިނާއިން ހުއްޓުވުމުން އެ މައްސަލަ ދެން ތާވަލުކުރާނީ އދގެ ޢާއްމު ޖަލްސާގައެވެ.