ޚަބަރު

އަފްޣާނިސްތާނުގައި އަންހެނުންނަށް ޖާގައެއް ނެތް: އދ


އަފްޣާނިސްތާނުގައި އަންހެނުންނަށް ޖާގައެއް ނެތްކަމަށާއި އެ މީހުން ތިބީ މުޖުތަމަޢުން ބާކީކޮށްފައިވާކަމަށް ބުނެ އދން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އަފްޣާނިސްތާނުގެ އިންސާނީ ޙާލަތު ދެނެގަތުމަށް ޢައްޔަނުކޮށްފައިވާ މަންދޫބު ރިޗަޑު ބެނެޓު ވިދާޅުވީ އެ ޤައުމަށް ބޮޑު އިންސާނީ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށާއި އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާނު ޖަމާޢަތުގެ ބަހާއި ޢަމަލު ދިމާނުވާކަމަށެވެ. އަފްޣާނިސްތާނަށް ކުރެއްވި 11 ދުވަހުގެ ދަތުރުފުޅަށްފަހު ބެނެޓު ވިދާޅުވީ އެ ޤައުމުގެ އަންހެންކުދިންނަށް ކިޔެވުމުގެ ފުރުޞަތެއް ނެތްކަމަށާއި އަންހެނުން ތިބީ ގަދަބާރުން މޫނު ބުރުގާ އަޅުވާފައިވާކަމަށެވެ. އަދި އެ ގޮތަށް ޢަމަލުނުކުރާ އަންހެނުންގެ މަޙުރަމުންނަށް ބޮޑެތި އަދަބުތައް ދެމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގެ ޝިޢީ މުސްލިމުންނަށް ޢަމާޒުކޮށްދެމުންދާ ޙަމަލާތައް އިތުރުވެފައިވާކަންވެސް ބެނެޓުވަނީ ފާހަގަކުރައްވައިފައެވެ.