ޚަބަރު

އެފްއެސްއެމްގެ ތެޔޮ ފްލީޓަށް އިތުރު 2 ބާޖު


ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން އަތޮޅުތަކަށް ތެޔޮ އުފުލާ ފްލީޓަށް އިތުރު 2 ބާޖު ގުޅިއްޖެއެވެ.

2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ 4 ބާޖެއް ބަނުމުގެ މސައްކަތް ފަށާފައެވެ. މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ބަންނަމުން ދިޔަ މި ބާޖުތަކުން 2 ބާޖެއް ވަނީ މިދިޔަ ރޯދަމަހުގެ ފަހުކޮޅު ވަނީ ރާއްޖެ ގެނެސްފައެވެ.


ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ، އަލަށް ގެނައި ބާޖުތައް މިހާރު ދަތުރުތަކުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. މި ބާޖުތަކުގައި އެއް ފަހަރާ 2 ލައްކަ 60 ހާސް ލީޓަރުގެ ތެޔޮ އުފުލޭނެކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ އެފްއެސްއެމުން ރާޢްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޮނުވަމުން އަންނައިރު އެ ކުންފުނީގެ ޕްލީޓްގައި މިހާތަނަށް ގިނައިން ބޭނުންކުރަމުން އައީ ކުދި ބާޖުތަކެއްކަމަށެވެ. އެހެންކަމުން އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް މިހާރު ދިމާވަމުން އަންނަ ދަތިތަކަށް އަލަށް ގެނައި ބާޖުތަކުން ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.

" މި ދެ ބާޖާއި އެކު ވަރަށް ބޮޑު ލުއި ފަސޭހައެއްވެގެންދާނެ، މި ދޭތެރެއިން ތ އަދި ލ އަތޮޅަށް ޑައިރެކްޓު ވެސަލެއް ނުފޮނުވި ދިޔައީ، ވަރަށް ގިނަ ޝަކުވާތައް އެ އަތޮޅުތަކުން ލިބުނު، ވިސްނުމުގައި މިހުރީ މެދުކެނޑިފައިހުރި ދަތުރުތައް ފެށިގެންދާނެ ކަމަށް،" ޤަސަމް ވިދާޅުވިއެވެ.

އަލަށް ބަންނަ ބާޖުތަކުގެ ތެރެއިން ބާކީ އޮތް 2 ބާޖު ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިޔަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މި ދެ ބާޖުވެސް ރާއްޖެ އަންނާނެކަމަށެވެ.

އަލަށް ގެނެއި 2 ބާޖަށް ދީފައިވާ ނަމަކީ 'އެމްވީ ހުނިކެ' އަދި 'އެމްވީ ބުރެކި' އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ތެޔޮ ގެންގޮސްދެމުން އަންނަ އެފްއެސްއެމްގެ ފްލީޓްގައި 18 ބާޖު އޮވެއެވެ.

އެފްއެސްއެމުން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެކުންފުނީގެ ފްލީޓަށް ތެޔޮ ބޯޓެއްވެސް އިތުރުކޮށްފައެވެ. މި ބޯޓު ނުވަތަ ތެޔޮ ޓޭންކަރަކީ 8.5 މިލިއަން ލީޓަރުގެ ތެޔޮ އުފުލުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ.