މުނިފޫހިފިލުވުން

"މޯލްޑިވިއަން އައިޑަލް" - ނުބަލާ ދޫކޮށްލެވޭ ވަރުގެ ޝޯވއެއް ނޫން


"މޯލްޑިވިއަން އައިޑަލް" މި ޝޯވއަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި މިހާތަނަށް ޓީވީ ޗެނެލަކުން ގެނެސްދޭންފެށި އެންމެ ބޮޑު ރިއަލިޓީ ޝޯވއެވެ.މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން މިހާރު ޕްރިމިއަރ ކޮށްފައިވާއިރު، މި ޝޯވއަށް ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުންވެސް ތަޢުރީފުގެ ގިނަ ބަސްތަކެއް ދަނީ ލިބެމުންނެވެ. "ވަރަށްވެސް ފުރިހަމަ ޝޯވއެއް" މިއީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ޕްރިމިއަރ ކުރި ހިސާބުން ފެށިގެން މި ޝޯވ ބެލި ގިނަ ބަޔަކު ފާޅުކުރަމުންދާ ޝުޢޫރެވެ. ދުނިޔޭގެ ފެންވަރުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "އައިޑަލް" މި ބްރޭންޑް ރާއްޖޭގައި ލޯންޗްކޮށް، މޯލްޑިވިއަން އައިޑަލްގެ ޓްރެއިލަރތައް ޕީ.އެސް.އެމުން އާއްމުކުރުމާއެކު މިޝޯވ ބަލާލުމަށް ގިނަ ފަރާތްތަކެއް ތިބީ ކެތްމަދުވެފައެވެ.މި ޝޯވގެ ޕްރިމިއަރ ނައިޓަށް ގިނަ އަދަދެއްގެ އާއްމުން އޮލިމްޕަހަށާއި، ޝުވެކް ސިނަމާއަށް ދިޔަކަން ފާހަގަކޮށްލެއެވެ. އަދި ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކުންވެސް ވަނީ މި ޝޯވ ބަލާފައެވެ. އަދި އައިސްޓީވީންވެސް އެޗްޑީކޮށް މިޝޯވ ދައްކާފައިވެއެވެ.ޓިވީއެމްއަކީ ޚަބަރާއި މަޢުލޫމާތު އަދި ލަވަކިޔުމުގެ މުބާރާތްތަކާއި، މިއުޒިކް ޝޯވތައްފަދަ ތަފާތު ޕްރޮގްރާމްތަކެއް އާއްމުންނާއި ހަމައަށް މިހާރުވެސް ގެނެސްދޭ ޓީވީ ޗެނަލެކެވެ. ނަމަވެސް "މޯލްޑިވިއަން އައިޑަލް" މި ޝޯވއަކީ ޓީވީއެމްގެ ތާރީޚުގައިވެސް މިހާތަނަށް އާއްމުންނާއި ހަމައަށް ގެނެސްދިން އެންމެ ތަފާތު، އެންމެ ގިނަ ބަޔެއްގެ ސަމާލުކަން އެ ޝޯވއަކަށް ހުއްޓުވާލި އެއް ޝޯވއެވެ. ސަބަބަކީ އައިޑަލަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޝޯވއަކަށްވުން އެކަންޏެއްނޫންނެވެ. ރާއްޖޭގެ ޓީވީ ޗެނަލްތަކުން ގެނެސްދޭ އެހެން ޝޯވތަކާއި ޙިލާފަށް، ޓީވީއެމުން މި ޝޯވ ފުލް އެޗްޑީކޮށް ގެނެސްދީފައިވުން ވެގެންދިޔައީވެސް ގިނަ ބައެއްގެ ސަމާލުކަން މި ޝޯވއަށް ލިބުނު އެއް ސަބަބަކެށެވެ. ބައިނަލްއަޤުވާމީ ސްޑޭންޑަޑްތަކާއި އެއް ހަމައެއްގައި މި ޝޯވ އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމްގެ ޓީމުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުންވެސް އާއްމުންގެ ފަރާތުން ތަޢުރީފުގެ ގިނަ ބަސްތަކެއް މި ޝޯވއަށް ދަނީ ލިބެމުންނެވެ.މޯލްޑިވިއަން އައިޑަލަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އަނެއް ސަބަބަކީ ޝޯވގެ ބައިވެރިންގެ އިތުރުން ޖަޖުންގެ ފަރާތުންވެސް ބެލުންތެރިން ގަޔާވާކަހަލަ ހެއްވާ މަޖާ ހުށަހެޅުންތަކެއް ގެނެސްދިނުމެވެ. ޝަޢުގުން ފުރިގެންވާ އެތައް ކަންތައްތަކައެއް ޝޯވގެ ތެރެއިން ފެނިގެންދިޔުމެވެ. މި މަންޒަރުތައް ވިހާވެސް ފުރިހަމައަށް ގެނެސްދިނުމަށްޓަކައި އައިޑަލްގެ މުޅި ޕްރޮޑަކްޝަން ޓީމުންވެސް ދިޔައީ ބައިވެރިންނާއި ޖަޖުންގެ ހުރިހާ ހަރަކާތްތަކެއްވެސް ވަރަށްގާތުން ބަލައި، މޮނިޓަރކޮށްފައިވެއެވެ. ގިނަ ބަޔެއްގެ އިންތިޒާރުތަކަށް ނިމުމެއް ގެނެސްދީ، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ބެއްލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާއިރު، މުޅި ޕީ.އެސް.އެމްގެވެސް އަމާޒަކީ ހުރިހާ ގޮތަކުންވެސް އެންމެ މޮޅު، އެންމެ ގިނަ މީހުން ބަލާ، އަދި އެންމެ މަޤުބޫލު ޝޯވއަކަށް "މޯލްޑިވިއަން އައިޑަލް" ހެދުމެވެ.