ވިޔަފާރި

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ވަސީލަތްތައް ދަނޑުވެރިންނަށް ފޯރުކޮށްދެނީ


މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް އާއި އެގްރޯނެޓް ގުޅިގެން ދަނޑުވެރިންނަށް ހެޔޮ އަގުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީގެ ދަށުން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް 5 އަހަރު ދުވަހުގެ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

އެގްރޯނެޓާއި އެގްރިކަލްޗަރ މިނިސްޓްރީއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މެޕް ޕްރޮޖެކްޓް އަމާޒް ކުރެވޭ އުތުރުގެ 3 އަތޮޅެއްގެ 26 ރަށެއްގައި އެގްރޯނެޓް މެދުވެރިކޮށް ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ވަސީލަތްތައް ދަނޑުވެރިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭނެއެވެ. އަދި، މި މިނިސްޓްރީއާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ގުޅިގެން ދަނޑުވެރިންނަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މެޕް ޕްރޮގްރާމަކީ، ދިވެހި ސަރުކާރުން އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީގައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށެވެ. އެގޮތުން، 3 ރަށެއްގައި ޕްރޮގްރާމްގެ މައިގަނޑު މަސައްކަތްތަކެއް ކުރެވި، ރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށައް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.